ކުރީ ސަރުކާރުން ކެމްޕޭން ދުވަސްވަރާ ދިމާކޮށް އެއްލަކިން ލައިސަންސް ދީފައިވާ ބަޔަކަަށް މިއަދު އެމްޑީޕީން ލައިސަން ޖޫރިމަނާ ލުއިދޭން އުޅޭތީ އެއީ އިންތިހާބަށް ކެމްޕޭނު ކުރުމުގެ މަގްސަދު އޮވެގެން ކުރާ ކަމެއްގެ ގޮތުގައި ހީވެދާނެ ކަމަށާއި އެކަން އިދިކޮޅަށް ހަޖަމު ނުވާނެ ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮން ބިލަތް) ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދާ ހިލާފްވެފައިވާ ޒުވާނުން ކޮށްފައިވާ ޖޫރިމަނާތަކަށް ލުއި ހޯދައި ދިނުމަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެމްޑީޕީއަށާއި މި ސަރުކާރަށް ކުރި ތުހުމަތަށް ރައްދު ދެއްވަމުންނެވެ. ހަލީމް ވިދާޅުވީ، ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ދިނުމަށް އެމްޑީޕީން ކުރާ މަސައްކަތް އިދިކޮޅަށް ހަޖަމުކުރަން އުނދަގޫވާނެ ކަމަށެވެ. އެ ކަމަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ކުރާ ކަމެއްގެ ގޮތުގައި މާވަށު ދާއިރާގެ މެންބަރަށް ސިފަ ކުރެއްވެނީ ސަބަބެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އިދިކޮޅުން ވަނީ އިންތިހާބާ ދިމާކޮށް މީގެ ކުރިން "އެއްލަކިން" ނަމުގައި ލައިސަންސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ކަމަށް ހަލީމް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުގެ މައި ޕާޓީން ލައިސަންސް ޖޫރިމަނާތަކަށް ލުއިތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ އިރު އެއީ އިންތިހާބަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅަށް ހީވުމަކީ ގަބޫލު ކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އެއްލަކިން ދިން ލައިސަންސްތަކުގެ ނަތީޖާ ފާހަގަ ކުރައްވަމުން ހަލީމް ވިދާޅުވީ، ދުވަހަކު ވެސް ދުއްވާ އެއްޗަކަށް ނާރާ މީހަކަށް ގޭގައި ތިއްބާ އޭރު ލައިސަންސް ލިބިގެން ދިއުމުން އެ ދުވަސްވަރު އެކްސިޑެންޓްތައް ގިނަވެގެން ދިޔަ ކަމަށެވެ. އަދި އެއީ ވޯޓު ހޯދަން ކަން ކުރުމުގެ ނަތީޖާ ކަމަށް ހަލީމް ވިދާޅުވިއެވެ.
ލައިސަންސް މައްސަލައިގައި ޖޫރިމަނާއަށް ލުއި ދިނުމަށް މައްސަލަ ހުށަހެޅީ ވޯޓު ހޯދަން ނޫން ކަމަށާއި އެމްޑީޕީއަކީ ރައްޔިތުންގެ އަޑު އެންމެ ބޮޑަށް އަހަމުންދާ ޕާޓީގެ ގޮތުގައި ހަލީމް ސިފަ ކުރެއްވިއެވެ. އެގޮތުން އެމްޑީޕީއަކީ އަބަދުވެސް އިންތިހާބުތަކާ ދިމާކޮށް ދޮރުން ދޮރުން ހިނގާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ ޕާޓީއެއް ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި މި ފަހަރުވެސް ގިނަ ކަންތައްތަކެއް ފާހަގަ ކުރެވުނު ކަމަށާއި އޭގެތެރޭގައި ގޯތި ގެދޮރުގެ މައްސަލައާއި ޑްރަގްގެ މައްސަލައާއި ޒުވާނުންނަށް ދިމާވެފައިވާ ޖޫރިމަނާގެ މައްސަލަ ހަލީމް ފާހަގަ ކުރެއްވިއެވެ.
މިއަދު މަޖިިލީހުގައި ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ މެންބަރު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފަދުވިދާޅުވެފައެވެ. އަދި އެމްޑީޕީން މި ލައިސަންސް ޖޫރިމަނާ ލުއިދެނީ ޒުވާނުންނަށް ކަމެއް އެންގުމަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. ކޮވިޑްގެ ހާލަތުގައި މިދިޔަ ދުވަސްތަކުގައި ވެސް ވަނީ މަތި މައްޗަށް އާންމުން ޖޫރިމަނާ ކޮށްފައި ކަމަށާއި އަދި ޖޫރިމަނާ ކޮށްގެން އެތައް 34 ނޫނީ 38 މީލިއަނެއްހާ ރުފިޔާ އަހަރެއް ތެރޭ ހޯދާފައިވާ ކަމަށް ސައީދު ވިދާލުވެފައި ވެއެވެ. އެހެންކަމުން މި ސަރުކާރުން ޖޫރިމަނާ ކުރުމަކީ ބޮޑު ސިނާއަތަކަށް ހަދާފައިވާ ކަމަށާއި ސިޔާސީ ޕާޓީއަކުން މި ދަނޑިވަޅުގައި މި މައްސަލަ ނެގުމުގެ މަގްސަދު އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އަދި މި މައްސަލަ އިހްލާސްތެރިކަމާއެކު ކުރުމުގެ ނިޔަތެއް އޮވެއްޖިއްޔާ މި ސަރުކާރާއި މިކަމާ ގުޅުން ހުރި ވަޒީރުން އެއް "މެޝިނެއް" ގެ ގޮތުގައި ހިނގަން ޖެހޭނެ ކަމަށާއި އެހެން އެކަން ނުވާ ނަމަ ރައްޔިތުން މި ސަރުކާރު ފެއިލް ކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވެފައި ވެއެވެ.
މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވެފައި ވަނީ، އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާ ހިލާފް ވެގެން ޖޫރިމަނާ ކޮށްފައިވާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު 2019 ވަނަ އަހަރު 2366 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އަދި މިދިޔަ އަހަރު 2658 ފަރާތެއް ޖުރިމަނާ ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި 3300 އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.