ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6، ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ހަށިކޮޅަށް ލިބިލެއްވި ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް ރާއްޖޭން ބޭރަށް ވަޑައިގަތްތާ ދެމަސްވީ އިރު، އެއްފަހަރު ވެސް އެމަނިކުފާނުގެ ހާލުކޮޅު ބައްލަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަޝީދަށް ނުގުޅުއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާ ހަވާލާދެއްވާ ދޮންބިލަތް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނަޝީދު ޖަރުމަނު ވިލާތަށް ވަޑައިގެންނެވި ފަހުން އަދި މިހާތަނަށް ރައީސް ސޯލިހު ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް އެއްގޮތަކަށް ވެސް ގުޅުއްވާފައި ނުވާ ކަމަށެވެ. އަދި މި ވާހަކަ ރައީސް ނަޝީދު ވިދާޅުވުމުން ވަރަށް ދެރަވެއްޖެ ކަމަށް ވެސް ދޮތްބިލަތް ވިދާޅުވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ކުރިންސުރެ ނަޝީދާއި ސޯލިހާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުންތަކެއް ހުރިކަމަށް ފެންނަ އިރު، ސަރުކާރަށް ތާއީދު ނުކުރައްވާކަމަށް ރައީސް ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އަދި މިހާރުގެ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނާ ގުޅުމަށް ބޭނުންފުޅުވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދަށް ސަރުކާރު ކަމުނުދާ ސީދާ ސަބަބު ސާފުކޮށް ވިދާޅުވެ އެކިފަހަރު ދައްކަވަނީ އެކި ވާހަކައެވެ. ބައެއް ފަހަރު ސަރުކާރު ގޯސްވަނީ، ނަފްރަތުގެ ބިލުގެ މައްސަލައިގައި ސަރުކާރުން އެއްޗެއް ނުބުނެގެންނެވެ. އަނެއްބައި ފަހަރު ސަރުކާރު "ސްލޯ" ކަމަށް ވިދާޅުވެއެވެ. އަނެއްބައިފަހަރު ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވެއެވެ.

ދޮންބިލަތް ކުރެއްވި ޓުވީޓަށް ރައީސް ސޯލިހުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ރައްދު ދެމުންނެވެ. އެގޮތުން ރައީސް ސޯލިހުގެ އަބުރު ކަތިލި މީހަކަށް ފޯނުކުރަން ނުޖެހޭނެ ކަމަށާ ރައީސް ސޯލިހުގެ ބޮލުގައި ބޮން ގޮއްވިކަމުގެ ތުހުމަތު އަޅުވާ ހިތައް އެރި އެއްޗެއް ގޮވުމުން ފޯނުކޮށް ހާލުބަލަން ނުޖެހޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ރައްދުގައި ކުރި ޓްވީޓުގައި ވެއެވެ.

މޭ 6، ހަމަލާއާ ގުޅިގެން ނަޝީދު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވި އިރު، ރައީސް ސޯލިހުގެ ދެކަނބަލުން އޭޑީކޭއަށް ވަޑައިގެން ނަޝީދުގެ ހާލުބެއްލެވިއެވެ.

ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އެމަނިކުފާނު މިމަހުގެ ފަހުކޮޅުގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން އެމަނިކުފާނުގެ ބޭބެ ވަނީ ވިދާޅުވެފައެވެ.