ށ. ކޮމަންޑޫ ދާއިރާގެ ވޯޓުލުން ކުރިއަށް ދިޔަ އިސްކަންދަރު ސްކޫލު ކައިރީގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކޮމަންޑޫ ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިސްކަންދަރު ސްކޫލު ކައިރީގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ ދެމެދުގައި ޒުވާބުތަކެއްކޮށް އިންޒާރު ދީފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ބުނީ އިސްކަންދަރު ސްކޫލް ކައިރިން އާންމު މަސްލަހަތު ނަގާލައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މިއަދު ހެނދުނު 8 ޖެހީއްސުރެ ފެށިގެން ފޯރީގައި ބައި އިލެކްޝަން އިންތިހާބު ކުރިއަށް ދާއިރު، މި އިންތިހާބުގައި ވާދަ ކުރާ ތިން ސިޔާސީ ޕާޓީ ކަމަށްވާ، އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީގެ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން ވޯޓުލާ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި ބައެއް ވޯޓު ފޮށިތައް މިހާރު ވަނީ ބަންދުކޮށްފައެވެ.