ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫއަށް ވަޑައިގެންފިއެވެ.

ކޮމަންޑޫއިން ދެ ރައީސުންނަށް މަރުހަބާ ދެންނެވީ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.

މިދަތުރުފުޅުގައި ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ދެ ކޮމަންޑޫ ގުޅާލާއިރު އެތަނުގައި އިގްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ޕްލޭން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޝްވަރާއާއެކު އެކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމަންޑޫގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދާއެކު އެދާއިރާގެ ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވައުދުތައް ފުއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫ އާއި މަރޮށްޓަށް ވެސް ދެ ރައީސުން އެކުގައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝާން ބާއްވަން ނިންމާފައި ވަނީ މިމަހު 5 ވަނަ ދުވަހުއެވެ. މި ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުއެވެ. ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް ވާދަކުރައްވާއިރު އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީހެވެ.

ޕީޕިއެމް އަދި އެމްއެންޕީގެ ފަރާތުން ވާދަ ކުރަައްވާ ދެ ކެންޑިޑޭޓުންނަކީ ކޮމަންޑޫ ރައްޔިތުންނެެވެ. އަދި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކީ ފޯކައިދޫ ރައްޔިތެކެވެ.

ކެނޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ރާޝިދު އަށެވެ. ކެނޑިޑޭޓް ނަންބަރު ދޭއް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންނެވި އިރު ކެނޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އަބްދުލް ހަންނާން އިދުރީސް އަށެވެ.