އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، މި އަހަރު ތެރޭ އަމިއްލަ ފައިމައްޗަށް ތެދުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ދުނިޔެ ފުރަބަންދުވެ އިގްތިސާދީ ހަރަކާތް ހުއްޓި އާމްދަނީގެ ހުރިހާމަގެއް ފަޅުވެ ދިޔައިރު ފަޅުނުވެ އޮތީ ވަށާ މިއޮތް ދިވެހި ނޫފަޅުތަކާ ރާއްޖޭގެ މަސްކަނޑުތައް ކަމަށެވެ.

ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގާ އެންމެ ގިނަ މަސް މިފްކޯ އަށް ކިރުވީ ނިމިދިޔަ އަހަރު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް މިހާރު އޮންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯ އަށް މަސްގަންނަ އަގު ބޮޑުވާނެ ކަމަށެވެ. އަދި ދެން މިފްކޯއިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގާ މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގާ ބޮޑު އަގު ލިބޭނަމަ މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވާނެ ކަމަށެވެ.

އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގާ މިފްކޯ ބަދަލުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މަސްވެރިންނަށް މަހުން ލިބޭ އާމްދަނީގާ ހޫނު ކަމެއް ހުންނަނީ ކިރާ މަހުގާ ފިނިކަމެއް ހުރެގެން ކަމަށާއި މިގޮތުން 118 ދޯންޏެއްގާ މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރަން ފަށާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.