އިންސާނީ ހިދުމަތުގެ މަގުސަދާ ގުޅިފައި ވާ ކަންކަމަށް ފަންޑު ކުރުމަށް ބައިނަލްއަގުވާމީ ބޭންކުތަކުން އަފްގާނިސްތާނަށް ފައިސާ ޓްރާންސްފާ ކުރެވިދާނެ ކަމަށާ، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރައިގެ ކަންކަންވެސް އެހީދޭ ޖަމާއަތްތަކަށް ހަމަޖައްސާ ދެވިދާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން ތަންފީޒު ކުރަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އުސޫލާ ހިލާފު ނުވެ، އިސްވެ ބަޔާން ކޮށްފައި ވާ މާލީ ހިދުމަތްތައް އަފްގާނިސްތާނަށް ދެވިދާނެ ކަމަށް އެމެރިކާއިން ކަނޑައަޅާފައި މިވަނީ، އިންސާނީ ކާރިސާއެއްގެ އިންޒާރު، ބައިނަލްއަގުވާމީ ޕްލެޓްފޯމުގައި އެކި ފަރާތްތަކުން ދެމުން އަންނަ ދަނޑިވަޅެއްގައެވެ.

އދއިން ހަބަރު ދޭ ގޮތުގައި 39 މިލިއަން މީހުންގެ އާބާދީއެއް އޮތް އަފްގާނިސްތާނުގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުން ދަނީ އިންތިހާ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ. މީގެ އިތުރުން އިގުތިސޯދާ، ތައުލީމީ ނިޒާމުގެ އިތުރުން އިޖުތިމާއީ ހިދުމަތްތައްވެސް އިނދަޖެހުމާ ދިމާއަށް މިސްރާބު ޖަހާފައި ވާ ކަމުގެ އިންޒާރު، އދއިން ވަނީ ދީފައެވެ.

އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާން ޖަމާއަތަކީ، އެމެރިޚާއިން ގަބޫލު ކުރާ ގޮތުގައި ޓެރަރިސްޓު ޖަމާއަތެކެވެ. މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އަފްގާނިސްތާނުގެ ގިނަ އެސެޓްތަކެއް އެމެރިކާގެ އަމުރަށް ވަނީ ފްރީޒް ކޮށްފައެވެ. އެމެރިކާއިން މި ފިޔަވަޅު އެޅި، ތޯލިބާނުންގެ އަތަށް ފައިސާ އެރުން ހުއްޓުވުމުގެ ނަމުގައި ކަމަށް ވީ ނަމަވެސް، ހަގީގީ ވޭން ތަހައްމަލު ކުރަމުން ދަނީ އަފްގާނިސްތާނުގެ އާންމު ރައްޔިތުންނެވެ.

ތޯލިބާނުންނާއެކު އެމެރިކާއިން ބްލެކްލިސްޓް ކޮށްފައި ވާ ހައްގާނީ ނެޓްވޯކާއެކު މާލީ މުއާމަލާތް ހިންގޭނެ ހާއްސަ އުސޫލުތަކެއްވެސް އެމެރިކާއިން މިހާރު އެކުލަވާލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.