ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ގޮތުގައި ސިފަ ކުރަމުން އައި ފޭސްބުކް (އެފްބީ)ގެ ޑެއިލީ އެކްޓިވް ޔުޒާޒް (ޑީއޭޔޫ) ނުވަތަ ދުވާލެއްގެ މައްޗަށް އެފްބީގައި ހަރަކާތްތެރިވާ ޔޫޒާ އެކައުންޓްތަކުގެ އަދަދު، އެ ޕްލެޓްފޯމްގެ 18 އަހަރުވީ ތާރީހު ނުދެކޭ ދަރަޖައަށް ދަށަށް ހިނގައްޖެއެވެ.

އެފްބީގެ ބެލެނިވެރި ކުންފުނި، މެޓާ ނެޓްވޯކްސް އިން ބުނި ގޮތުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމާލި 3 މަސްދުވަހުގެ މުއްދަތުގައި އެފްބީގެ ޑިއޭޔޫ އުޅުނީ، 1.929 ބިލިއަންގައެވެ. އޭގެ ކުރީ ކުއާޓަރުގައި މި އަދަދު އުޅުނީ 1.930 ބިލިއަނުގައެވެ.

ހަމަ މިއާއެކު، ޓިކްޓޮކްއާއި ޔޫޓިއުބް ފަދަ ވާދަވެރިން ގަދަ ކުރަމުން އަންނައިރު، އާމްދަނީވެސް ދަށް ވަމުން އަންނަ ކަން މެޓާ ނެޓްވޯކްސްއިން ވަނީ ފާހަގަ ކޮށްފައެވެ. އިޝްތިހާރު ކުރާ ފަރާތްތަކުން ކުރާ ހޭދަ ކުޑަ ކުރުމަކީ ސަބަބެއް ކަމުގައި ބެލެވެއެވެ. އެޕަލްގެ އޮޕަރޭޓިންގް ސިސްޓަމަށް ގެނައި ބަދަލަކީވެސް މިކަމުގެ ސަބަބެކެވެ.

ކަން މިހެން އޮތް އިރު މެޓާ ނެޓްވޯކްގެ ހިއްސާގެ އަގުތައް ވަނީ 20 ޕަސެންޓް ދަށަށް ގޮސްފައެވެ. މި ވެއްޓުމާއެކު، ހިއްސާގެ ބާޒާރުގައި ކުންފުނީގެ އަގުން، 200 ބިލިއަން ޑޮލަރަށް ވުރެ ބޮޑު މިންވަރެއް އުނިވި ކަމަށްވެސް ހަބަރު ލިބެއެވެ.

އެފްބީގެ ބާނީ، މާކް ޒަކަބާގު ބުނީ، ކުންފުނީގެ ވިޔަފާރި ކުރިއަރާ މިންވަރަށް ހީނަރުކަން ކުރިމަތިވަނީ، ސޯޝަލް މީޑިއާ ބޭނުން ކުރާ ޒުވާނުން، ވާދަވެރިންގެ ގާތަށް ދިއުމުން ކަމަށެވެ.