ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނެސްދޭން ކަރެކްޝަނަލް ސާވިސްއިން ފުލުސް އޮފީހުގައި މިއަދު އެދިއްޖެއެވެ.

އަޑުބަރޭ އަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ ޖަލު ހުކުމެއް އަސްހަދަށް އިއްވީ އޭނާ އިނގިރޭސިވިލާތުގައި ހުއްޓާ އޭނާގެ ޣައިރު ހާޒިރުގައެވެ.

އަސްހަދު 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމަށް ހުއްދަ ދިނުމުގައި ޖާމިނުވުމާ ގުޅިގެން، އެ މުއްދަތުގައި އަލީ ވަހީދު އެނބުރި ނައުމާ ގުޅިގެންނެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހުމަދު ބައެއް މީޑިއާތަކަށް ވިދާޅުވީ ޣައިރު ހާޒިރުގައި އަސްހަދަށް ކުރި ހުކުމާ ގުޅިގެން ހުކުމް ތަންފީޒުކުރަން އޭނާ ގެނެސްދޭން ފުލުސް އޮފީހުގައި އެދިފައިވާ ކަމަށާއި ފުލުހުން ކުރަން ޖެހޭ ކަންކަން ނިމުމުން އޭނާ ގެންނާނެ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓަށް ވައްދާފައި އޮއްވާ، ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ބޭސްފަރުވާ އަށް ފުރުމަށް ހުއްދަ ދީފައެވެ. އެ ހުއްދަ ދީފައިވަނީ އަސްހަދު ޖާމިނުވާ ގޮތަށް އެއްބަސްވުމެއް ހަދައިގެން ހަތަރު މަސްދުވަހުގެ ތެރޭ އަލީ ވަހީދު މިކޮޅަށް އަންނަ ގޮތަށެވެ.

ނަމަވެސް ހަތަރު މަސްދުވަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އަލީ ވަހީދު އެނބުރި ނާދެއެވެ. އަލީ އެދުނީ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭތީ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.

އެގޮތަށް އިންތިޒާމު ހަމަޖައްސައި، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އަލީ ހާޒިރުކޮށް ދެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ، ނަމަވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެކަމަށް އިއުތިރާޒު ކުރިއެވެ.