ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެސިޓީ ކައުންސިލާ ހަވާލު ކުރަން ސަރުކާރުގައި އެދެން ކައުންސިލުން ފާސް ކޮށްފިއެވެ.
މިއަދުގެ ކައުންސިލްގެ ޖަލްސާގައި ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ރަށްވެހިކަމުގެ ހިދުމަތްތަކާއި އާއްމު ހިދުމަތްތަކާއި ކައުންސިލުގެ މަސްއޫލިއްޔަތުތައް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހި ހިމެނޭގޮތަށް އަދާކުރުމަށްޓަކައި އެކަށީގެންވާ ބަޖެޓާއި މުވައްޒަފުންނާއި ވަސީލަތްތަކާއެކު މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެއްވުމަށް މަޝްވަރާކުރުމަށްފަހު ސަރުކާރުގައި ދަންނަވަން ވަނީ ފާސްކޮށްފައެވެ. އަދި އެކަމަށް މަސައްކަތްކުރުމަށް ނެގި ވޯޓުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް 13 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 38 ވަނަ ޖަލްސާގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ މާލޭ ސިޓީ ކައުންސިލުން ހަވާލުވުމުގައި ކުރިއަށް ގެންދާނެގޮތުގެ ޕްރޮޕޯސަލް ކައުންސިލަރުންނާ ހިއްސާކުރުމަށް އެދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި މައްސަލަ އަށް ތާއީދު ކުރައްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރ ސައިފް ފާތިހުއެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީ އަށް ނުކުރެވޭތީ ރައްޔިތުންގެ ފަރާތުން އޭނާ އަށް އަބަދުވެސް ޝަކުވާ ލިބެމުންދާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރެއަށް ހުޅުމާލެ ގެންދިއުމާމެދު އެޗްޑީސީއާ ސިޓީ ކައުންސިލާ ދެމެދު ވަނީ ހިޔާލު ތަފާތުވެފައިވެއެވެ.