އައިޖީއެމްއެޗްގެ އޯފީޑީގެ ހިދުމަތް މާދަމާ ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މާދަމާ އޯޕީޑީގެ ހިދުމަތް ބަންދު ނަމަވެސް ކުރިއެކޭވެސް އެއްފަދައިން އަވަސް ފަރުވާގެ ހިދުމަތް މެދުނުކެނޑި 24 ގަޑިއިރު ލިބެމުން ދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗުން ވަނީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އައިޖީއެމްއެޗްގެ ލެބޯޓްރީ އޯޕީޑީ ހިދުމަތްތަކަށް ބަދަލު ގެނެސްފައެވެ.
އެގޮތުން މިދިޔަ މަހު 30 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 05 ގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީއިން ލޭ ނެގުމުގެ ހިދުމަތް ދެމުން ގެންދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެނދުރު 12:00 އާ ހަމައަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މީގެ އިތުރުން ދުވާލަކަށް ނަންބަރު ދޫކުރެވޭނީ އޮންލައިން ކޮށް 100 ނަންބަރު އަދި ހޮސްޕިޓަލަށް ދިޔުމުން 100 ނަންބަރު ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗުން މިމަހު 20 ވަނަ ދުވަހު ވަނީ 2 ހަފްތާއަށް ރޫޓީން (ދުރާލާ ތާވަލު ކޮށްގެން ހަދާ) ސާޖަރީތައް މެދުކަނޑާލާފައެވެ. އައިޖިއެމްއެޗުން ބުނީ، ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް މި ސާޖަރީތައް ހަދަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.