މާލޭގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ އަނިޔާކޮށް ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ މާލެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާ ކޮށްފައިވާކަމުގެ މައްސަލައެއް މިއަދު 06:20 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން ބަަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އަންހެން މީހާ ދިިރިއުޅޭ ގެއިން ނެރެ ފުލުހުން އޭނާ ފަރުވާއަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ ލައިގެން ހުރި ހެދުމުގައި ވަރަށް ގިނައިން ލޭ ހުރި މަންޒަރު ފެނެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ގެވެށި އަނިޔާގެ 179 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 59 މައްސަލައެއް ތަހުގީގު ކޮށްފައިވާއިރު 3 މައްސަލައެއް ވަނީ ޕީޖީއަށް ފޮނުވާފައެވެ. އަދި 36 މައްސަލައެއް ވަނީ ނިންމާފައެވެ.

މިގޮތުން މާލެ ސިޓީން 34 މައްސަލައެއް ހުށަހަޅާފައިވާއިރު އައްޑޫ ސިޓީން 4 މައްސަލަ އަދި ފުވައްމުލަކު ސިޓީން ވެސް ވަނީ 4 މައްސަލަ ހުށަހަޅާފައެވެ.