2021 ވަނަ އަހަރު ނިމެންދަނިކޮށް ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޯން ވޭރިއަންޓްގެ ސަބްވޭރިއަންޓެއް ކަމަށް ވާ ބީއޭ2 އަކީ، ފުރަތަމަ ފެނުނު ވޭރިއަންޓަށް ވުރެ އިންތިހާ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓެއް ކަމަށާ، ސަބްވޭރިއަންޓަކީ ކޮވިޑް-19އިން ދިފާއުވުމަށް ބޫސްޓާ ޑޯޒް ޖަހާފައި ވާ މީހުންނަށްވެސް ކުރިމަތިލާންޖެހޭ ސަބްވޭރިއަންޓެއް ކަމަށް ޑެންމާކުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ކަން މިހެން އޮތް ނަމަވެސް ވެކްސިން ޖަހާފައި ތިބޭ މީހުންނަކީ، ނުޖަހާ ތިބޭ މީހުންހާ ފަސޭހައިން ބަލި ފަތުރާ ބައެއް ނޫން ކަމަށްވެސް މި ދިރާސާއިން ވަނީ ދައްކާފައެވެ.

ޑެންމާކުގެ ހޯދުންތަކަށް ބަލާއިރު ސަބްވޭރިއަންޓަށް އިންފެކްޓްވި މީހުންނަކީ އޮމިކްރޯންގެ އަސްލު ވޭރިއަންޓާ އަޅާ ބަލާއިރު، ބަލި ފެތުރުމުގެ ނިސްބަތް 33 ޕަސެންޓް އިތުރު ކޭސްތަކެއް ކަން ވަނީ ފާހަގަ ކުރެވިފައެވެ.

ޔުނިވާސިޓީ އޮފް ކޯޕަންހޭގަންއާއި ޑެންމާކުގެ ސިއްހަތާ ބެހޭ ވުޒާރާ ބައިވެރިވެގެން ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތަކަށް ބަލާއިރު، އޮމިކްރޯން ބީއޭ2 ވޭރިއަންޓާ ދެކޮޅަށް ކޮވިޑް ވެކްސިނުންވެސް ލިބިދެނީ ކުޑަ ދިފާއެއް ކަމަށް، ދިރާސާ ޓީމުން ބުނެފިއިވެއެވެ. އެގޮތުން، ވެކްސިން ޖަހާފައި ވާ މީހުންގެ ތެރެއިން ބޫސްޓާ ޑޯޒް ޖަހާފައި ވާ މީހުންނަށްވެސް މި ވޭރިއަންޓްގެ އަސަރު ފޯރާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ކަން މިހެން އޮތް ނަމަވެސް ވެކްސިނުން އަދާ ކުރަނީ މުހިންމު ދައުރެއް ކަމަށްވެސް މި ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ހަނި ވާ އިރު، އެ ފަދަ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން، އެނޫން މީހުންނާ އަޅާ ބަލާއިރު ކުޑަ ކަމަށްވެސް ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.

ޑެންމާކުގެ އިތުރުން އޮމިކްރޯން ބީއޭ2 ސަބްވޭރިއަންޓް ފެނިފައި ވާ އެހެން ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ސްވީޑަން އަދި ނޯވޭ ހިމެނެއެވެ.