ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން ވޯޓުލާނެ ވަގުތުތައް ކަނޑައަޅައިފިއެވެ.
އީސީން ބުނީ މިމަހު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި، ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ކަނޑައެޅިފައިވަނީ އެ ދުވަހުގެ 3:00 އިން 4:00 އަށް ކަމަށެވެ.
މިފަދަ މީހުން ވޯޓުލާ މަރުކަޒަށް ވޯޓުލުމަށް އަންނައިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އައުމަށް އީސީން ވަނީ އެދިފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝާން ބާއްވަން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މި ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުއެވެ. ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް ވާދަކުރައްވާއިރު އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީހެވެ.
ޕީޕިއެމް އަދި އެމްއެންޕީގެ ފަރާތުން ވާދަ ކުރަައްވާ ދެ ކެންޑިޑޭޓުންނަކީ ކޮމަންޑޫ ރައްޔިތުންނެެވެ. އަދި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކީ ފޯކައިދޫ ރައްޔިތެކެވެ.
ކެނޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ރާޝިދު އަށެވެ. ކެނޑިޑޭޓް ނަންބަރު ދޭއް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގެންނެވި އިރު ކެނޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އަބްދުލް ހަންނާން އިދުރީސް އަށެވެ.