މިދިޔަ ޖެނުއަރީ މަހު ޕެންޝަންގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 128 މިލިއަން ރުފިޔާ އަރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޕެންޝަންގެ ގޮތުގައި ދޫކުރި 128 މިލިއަން ރުފިޔާގެ ތެރެއިން 94 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ އަސާސީ ޕެންޝަންގެ ގޮތުގައެވެ. އެއީ 19،823 ޕެންޝަނަރުންނަށެވެ.

މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތްތަކަށް 20 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ 4254 ޕެންޝަނަރުންނަށެވެ.

އަދި ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް އިނާޔަތްތަކަށް 5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ 2994 ޕެންޝަނަރުންނަށެވެ.

ރިޓަޔާމަންޓް ޕެންޝަނުގެ ގޮތުގައި 1637 ޕެންޝަނަރުންނަށް 8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރިޓަޔާމަންޓް ޕެންޝަން ފިޔަވާ އެހެން ޕެންޝަނާއި އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ދޭ ޕެންޝަނާއި އިނާޔަތްތަކެއް ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ފަންޑު ކަމަށްވާ ޕެންޝަން ފަންޑު އުފެދުނީ 2009 ވަނަ އަހަރެވެ. ޕެންޝަން ސްކީމެއްގެ އެންމެ މުހިންމު އެއް މަހުސަދަކީ އުމުރުން ދުވަސްވެ އާމްދަނީ ހޯދުމަށް މަސައްކަތް ނުކުރެވޭ ހިސާބަށް ދިއުމުން ސްކީމުގެ ބައިވެރިންނަށް ޕެންޝަނުގެ ގޮތުގައި އެކަށީގެންވާ އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށް މާލީ ގޮތުން މިނިވަން ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައި ދިނުމެވެ.