ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން މި އަހަރު ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ޔޮޓް ރެލީ ހަރަކާތުގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފިއެވެ.

އެމްއައިޓީޑީސީން "ސަވާދީއްތަ ދަތުރު"ގެ ނަމުގައި ބާއްވާ ޔޮޓް ރެލީގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވަނީ އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި އެމްއައިޓީޑީސީގެ ފަރާތުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ތިން ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ރެލީގައި، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރާނެއެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށެއް ހިމެނެއެވެ.

މި ފަހަރުގެ ސަވާދީއްތަ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ރައްތަކަކީ ހއ. އުތީމު، ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ށ. ފަރުކޮޅު، ށ. ނަލަންދޫ، ނ. ލަންދޫ، ހއ. ބިލެތްދޫތިލަ، ބ. ތުޅާދޫ އަދި ކުޅުދުއްފުށި ސިޓީއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ޓުއާގެ މަގުސަދަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި މުއްސަނދި ތާރީހުގެ އިތުރުން ޔޮޓް ޓޫރިޒަމް ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން މި ސަރަހައްދުތައް ހަރުދަނާ ކުރުމުގެ ފައިދާ ނެގުން ކަމަށެވެ.

މި ދަތުރުގެ ޑިޖިޓަލް ޕާޓްނަރަކަށް އިއްޔެ ވަނީ އުރީދު ހަމަޖައްސައިފައެވެ.