ވިންޓާ އޮލިމްޕިކްސް މުބާރާތް ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ ޗައިނާގެ ވެރިރަށް ބެއިޖީންގްއިން ފާއިތުވީ 18 މަސް ދުވަހުގެ ތެރޭގައި ރެކޯޑް ނުކުރާހާ ގިނަ އަދަދަކަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފިއެވެ.
ބެއިޖީންގްއިން އިތުރު 20 ކޭސް ފެނުމާއެކު އޮފިޝަލުން ވަނީ ބައެއް ސަރަހައްދުތައް ލޮކްޑައުން ކޮށްފައި ވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުތަކުގެ ރަށްވެހިން، ބައްޔަށް ޓެސްޓު ކުރާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އޮލިމްޕިކްސް ކުޅިވަރުތައް އިންތިޒާމް ކުރާ ފަރާތުން ވަކިން ހާމަ ކުރި ގޮތުގައި، އޮލިމްޕިކްސް "ބަބްލް" އިން އެކަނިވެސް މުޅިން އަލަށް 34 ކޭހެއް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި، މުބާރާތަށް ހާއްސަ ވެގެން އައި 13 އެތުލީޓަކާއި އޮފިޝަލުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
ބެއިޖީންގްގައި ކޮވިޑަށް ޕޮޒިޓިވްވާ ކޮންމެ މީހަކު ދާން ޖެހެނީ އައިސޮލޭޝަންއަށެވެ. އަދި އެމީހަކަށް އެ އެކަހެރި ބަންދުން މިނިވަން ވެވެނީ، 24 ގަޑިއިރުގެ ތެރޭގައި 2 ފަހަރެއްގެ މަތީން ނެގެޓިވް ނަތީޖާއެއް ލިބުމުން އެކަންޏެވެ.
ބެއިޖީންންގައި ވިންޓާ އޮލިމްޕިކްސް ކުރިއަށް އެ ގެންދަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާއިން ބޭރަށް އަދި އެހެން ގައުމުތަކުން ޗައިނާއަށް އެތެރެވުން މަނާ ކޮށްފައި ވާ ދަނޑިވަޅެއްގައެވެ. މުބާރާތުގައި ބައިވެރިވުމަށް ބެއިޖީންގްއަށް ދަތުރު ކުރަނީ ޗާޓަރު ފްލައިޓްގައެވެ. އަދި އެމީހަކު ބެއިޖީންގްއިން ފުރަންދެން އޮލިމްޕިކްސް "ބަބްލް" އިން ބޭރަށް ނިކުމެވޭކަށް ނޯވެއެވެ.
ޗައިނާއަށް ދަތުރު ކުރުމުގެ ކުރިން އަދި ޗައިނާއަށް އެތެރެ ވުމަށް ފަހުގައި ކޮވިޑަށް ޓެސްޓު ކުރަން ޖެހޭއިރު، ބަބްލް ތެރޭގައިވެސް ކޮންމެ ދުވަހަކުހެން ކޮވިޑަށް ޓެސްޓު ކުރާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބަބްލްގެ މެންބަރުންވެސް މާސްކު އެޅުން ފަދަ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ގައުމަކީ ޗައިނާ ކަމުގައި ވީ ނަމަވެސް، މި ބަލި ކޮންޓްރޯލް ކުރުމުގައި ޗައިނާ ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. ޗައިނާގެ ކާމިޔާބީގެ ސަބަބުތަކުގެ ތެރޭގައި ޒީރޯ-ކޮވިޑް ސިޔާސަތުގެ ތެރެއިން، ލޮކްޑައުންގެ ހަރުކަށި އަމުރުތައް ތަންފީޒު ކުރަމުން ދާ ދިއުމާ، އާބާދީގެ ބޮޑު ބައެއް ތާ އަބަދުމެހެން ކޮވިޑަށް ޓެސްޓު ކުރަމުން ދިއުން ހިމެނެއެވެ.