ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ހަދަން ލާޒިމު ކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހިންމަފުށީ ޖަލުގައި ގާއިމް ކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގައި ބަޔާން ކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމު ކުރުމަށް އެ މާއްދާގެ (ށ) އިން މިނިސްޓާ އޮފް ހޯމް އެފެއާޒްގެ މައްޗަށް ލާޒިމު ކޮށްފައި ވާ ކަމަށެވެ. އެހެންކަމުން ކ. ހިންމަފުށީ އައްސޭރި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް މިއަދު ގާއިމުކޮށް، ގާނޫނުގައިވާ ގޮތުގެ މަތިން އެކަން އާންމުކޮށް އަންގާ ހޯމް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ކުޑަކުދިންގެ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހިނގަމުން ދާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ ބެލުމުގެ ދަށުން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގޮތުގައި ދެވައްތަރެއްގެ މަރުކަޒެއް ގާއިމް ކުރަން ޖެހެއެވެ.

މީގެ ތެރެއިން އެއް ވައްތަރުގެ މަރުކަޒަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެވެ. އެ ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަ ކުރެވޭ މަރުކަޒުތަކެވެ. އަނެއް ވައްތަރުގެ މަރުކަޒަކީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީއެވެ. މިއީ ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަން ޖެހޭނަމަ ބަހައްޓަން ޖެހޭ މަރުކަޒެވެ.

މީގެ އިތުރުން އެ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނު ތަންފީޒު ކުރާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް އަދި ކަރެކްޝަނަލް މަރުކަޒެއް ގާޒިމް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދު ކުޑަކުދިންގެ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމްކޮށްފައި މި ވަނީ އެ ގާނޫނު ތަންފީޒް ކުރިތާ 26 މަސް ފަހުންނެވެ.

އަދި ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައު އާ އެކަހެރިކޮށް ބަހައްޓަންޖެހޭނަމަ ބަހައްޓަން ޖެހޭ މަރުކަޒު ކަމަށް ގާނޫނުގައި ބުނާ، ލޯންގް ޓާމް ސެކިއޯ ފެސިލިޓީ ގާއިމް ކޮށްފައެއް ނުވެއެވެ.

ކުޑަކުދިންގެ މި މަރުކަޒުތައް ނެތިގެން މީހުން މެރުންފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ 18 އަހަރު ނުފުރޭ ބައެއް ކުދިން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.