ބ. ދަރަވަންދުއާއި، އެ އަތޮޅު ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ ދަށުން ކުރާ މެރިން ސާވޭތައް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ، ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރާ މެރިން ސާވޭއާއި، ޓެރެސްޓްރިއަލް ސާވޭ ހަދައި ނިމިފައިވާއިރު، ކެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރާ މެރިން ސާވޭ ވެސް ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ރ. އަލިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މެރިން ސާވޭއާއި ޓެރެސްޓްރިއަލް ސާވޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

މެރިން ސާވޭ ތެރޭގައި ހިމެނޭ ކަންތައްތައް:

  • މަހުގެ ސެންސަސް
  • ފަރުތަކުގެ ބެންތިކް ކޮމްޕޮސިޝަންގެ ކޮލިޓޭޓިވް އެނޭލިސިސް އަދި މެރިން ވޯޓާ ސާމްޕްލިން

ޓެރެސްޓްރިއަލް ސާވޭ ތެރޭގައި ހިމެނޭ ކަންތައްތައް:

  • ސްޓޭކް ހޯލްޑަރުންނާއި ކޮންސަލްޓް ކުރުން
  • ވެޖިޓޭޝަން ޓްރާންސެކްސްޓްއާއި ބީޗް ޕްރޮފައިލް ކުރުން
  • ގޮނޑުދޮށް އެނަލައިޒް ކުރުން.

ދަރަވަންދުއާއި ކެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ގައެވެ. އޭގެ ތެރެއިން ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ގިރާ ސަރަހައްދުގައި 490 މީޓަރުގެ ހަތް ބްރޭކްވޯޓާ ހަދާ، 96 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއަކީ 22 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

އަދި ކެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ކެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 803 މީޓަރުގެ ބްރޭކްވޯޓާ އާއި 90 މީޓަރުގެ ދެ ގްރޮއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމާއެކު 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއަކީ 39.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.