ކޮންމެ ފަދަ ބައްޔެއް ނުވަތަ އުނދަގުލެއް ވެގެން ސިއްހީ ތަޖުރިބާކާރެއް ނުވަތަ ވަކިން ހާއްސަކޮށް، ޑޮކްޓަރެއްގެ އެހީއާއި އިރުޝާދު ހޯދުމަށް ދާ ކޮންމެ ފަހަރަކު ހެން "މާ ފަލައީ" ކަމަށް ނުވަތަ ބަރުދަން ލުއި ކުރުމަށް ބުނާ އަޑު އަހަން ނުޖެހޭ ފަހަރެއް މަދު ވާނެ ކަމާ މެދު، ގިނަ ބަޔަކު އިއްތިފާގު ވާނެއެވެ. އެއީ ހެވެއް އެދިގެން ޑޮކްޓަރުން ބުނާ ބުނުމަކަށް ވީ ނަމަވެސް، ބައެއް ފަހަރު، އެއަށްވުރެ ފުންކޮށް ވިސްނާލަން ޖެހޭ ފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިއީވެސް އެފަދަ މީހެކެވެ.

އުމުރުން 24 އަހަރުގެ ހެނާ ކެޓަންއަށްވެސް ދިމާވީ އެފަދަ ހާދިސާއެކެވެ. ޑޮކްޓަރަށް ދެއްކުމުން އަޑުއަހަން ޖެހުނުހާވެސް އަޑަކީ، އޭނާއަކީ ހުންނަންޖެހޭ ވަރަށް ވުރެ "ބަރު" ނުވަތަ "އޯވާވެއިޓް" ކަމަށް ޑޮކްޓަރުން ބުނި އަޑެވެ. ނަމަވެސް، ސާޖަރީއަކަށް ފަހު ހެނާގެ ބަނޑުން ނަގަން ޖެހުނީ 2 ކިލޯގްރާމްގެ ޓިއުމަރެކެވެ. ކެންސަރުގެ ބިރު އެކުލެވެނިވި ޓިއުމަރެކެވެ.

އޮސްޓްރޭލިއާގެ މެލްބަންއަށް ހެނާ ދިރިއުޅުން ބަދަލު ކުރީ 2019 ވަނަ އަހަރުއެވެ. ބަނޑުން ޓިއުމަރެއް ފެނުނީ އޮކްޓޯބަރު 2021 ގައެވެ. މި ހުރިހާ ކަމަކާ އޭނާ ކުރިމަތިލީ އެކަނިމައިއެކަންޏެވެ. ކޮވިޑް-19ގެ ފިޔަވަޅުތަކާއެކު އާއިލާއާވެސް ދުރުގައެއެވެ.

ބަނޑު ފުއްޕުމާ، ފުރިފައި ހުންނަ ކަހަލަ އިހުސާސްތަކެއް ކުރިމަތިވުމުގެ އިތުރުން، މަހުން މަހަށް ޖެހޭ މައްސަރުކަންކަން ގަވައިދުން ނުޖެހުމާ، ކުޑަކަމުދާ ނިޒާމަށް ދިމާވާ އިންފެކްޝަންގެ މައްސަލަތަކާ ހެނާ ކުރިމަތިލާތާ އެތައް އަހަރެކެވެ.

އިންގްލަންޑްއާއި އޮސްޓްރޭލިއާގެ ޑޮކްޓަރުންނަށް ހެނާ ދިޔައީ ދައްކަމުންނެވެ. ނަމަވެސް އެއީ، ޑޮކްޓަރުން މާ ކަންބޮޑުވި ކަމަކަށް ނުވިއެވެ.

ފަލަ ކަމަށް ޑޮކްޓަރުން ބުނަމުންދަނިކޮށް ބަނޑުން ޓިއުމަރެއް ނެގި ހެނާ ކެޓަން މިހާރު ދަނީ ކީމޯތެރަޕީ ފަރުވާ ހޯދަމުން / ފޮޓޯ: ގޯ ފަންޑް މީ

ހެނާ ބުނާ ގޮތުގައި ކެންސަރުގެ ޓިއުމަރު ފެނުމުގެ ކުރިން، އެންމެ ފަހު ފަހަރު އޭނާ ދެއްކި ޑޮކްޓަރުވެސް، ފުރިހަމައަށް ކަންކަން ބެލުމަށް ވީ ފެއިލްއެވެ.

"ޑޮކްޓަރު، އަހަރެންގެ ބަނޑުގައި އަތް ޖައްސައިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބަލާލިނަމަވެސް އެނގޭނެ ހުރިހާ ކަމެއް ރަނގަޅު ނޫން ކަން" ހެނާ ބުންޏެވެ.

ނަމަވެސް އެ ފަހަރުވެސް ހެނާއަށް އަޑު އަހަން ޖެހުނީ އެއްކަލަ އަޑެވެ. ހެނާއަކީ ހުންނަންޖެހޭ ވަރަށް ވުރެ ބަރު މީހެއް ކަމަށް ޑޮކްޓަރު ބުނި އަޑެވެ. ބަރުދަން ލުއި ކުރަން ޖެހޭ ކަމަށް ޑޮކްޓަރު ބުނި އަޑެވެ.

"އެއީ އަހަން ވަރަށް އުނދަގޫ އަޑެއް. އަހަރެން މިއީ އޯވާވެއިޓް މީހެއް ނޫން. އަހަރެން މިއީ ޖިސްމާނީ ގޮތުން ވަރަށް ފިޓު މީހެއް" ހެނާ ބުންޏެވެ.

އޮކްޓޯބަރު 2021ގައި ހާލަތު ބަދަލުވިއެވެ. އެރި ރިހުމާއެކު ހެނާގެ ހޭ ހުސްވެ، ބިމަށް ތިރިވިއެވެ.

މި ފަހަރުވެސް ޑޮކްޓަރުންނަށް ފުރަތަމަ ކުރެވުނީ ކުށް ހީއެކެވެ. ޑޮކްޓަރުންގެ ފުރަތަމަ ހީ އަކަށް ވީ، ބަލިވެ އިނދެ، ނާކާމިޔާބު ވީ ކަމަށެވެ. ނަމަވެސް، ހެދި ސްކޭންތަކުން، 20 ސެންޓިމީޓަރު ޓިއުމަރު ފަޅައިގެން ދިޔައީކަން އެނގުނެވެ.

ހެނާ މިހާރު ދަނީ ކީމޯތެރަޕީގެ ފަރުވާ ހޯދަމުންނެވެ.

ހެނާ މިހާރު ހަރަކާތްތެރިވަމުން ދަނީ މިފަދަ ހާލަތްތަކުގައި އަމިއްލަ ނަފުސުގެ ދިފާއުގައި ވާހަކަ ދެއްކުމަށް އަންހެނުންނަށް ހިތްވަރު ދިނުމުގެ މަސައްކަތުގައެވެ. ފެންނަ އަލާމާތްތަކަކީ ކިތަންމެ އާންމު އާލާމާތްތަކަކަށް ވީ ނަމަވެސް، އެކަންކަމަށް ފަރުވާ ކުޑަ ނުކުރުމަށް ހެނާ ދަނީ ގޮވާލަމުންނެވެ.