ނެޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއޭ) ގެ ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަންގެ މަގާމަށް ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިއްފަތު އަދި ވައިސް ޗެއާމަނަކަށް، އަލްޝާލީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއީލް ޝަރީފް ހަމަޖައްސައިފިއެވެ.

މި ބޭފުޅުން އެ މާގަމުތަކަށް ހޮވާފައި ވަނީ ޑިވެލޮޕްމެންޓް ކޮމިޓީން މިއަދު ބޭއްވި އަހަރީ ފުރަތަމަ ބައްދަލުވުމުގައެވެ.

ބޯޓިން އެސޯސިއޭޝަނުގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ ދެ ކޮމިޓީއަކަށް ބަހާލާފައެވެ. އެއީ އިދާރީ، ތަރައްގީ އަދި ރެގިއުލޭޓަރީ ކަންކަން ކުރިއަށް ގެންދަން ޑިވެލޮޕްމެންޓް ކޮމިޓީ އާއި މާކެޓިން، ޕްރޮމޯޝަން އަދި ސީއެސްއާރުގެ ކަންކަން ކުރިއަށް ގެންދަން މާކެޓިން ކޮމިޓީ އެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް ކޮމިޓީގެ މިހާރު އައްޔަން ކުރި މެންބަރިންގެ ތެރޭގައި ހިމެނެނީ ޗެއާމަން ރިއްފަތާއި ވައިސް ޗެއާމަން ޝަރީފްގެ އިތުރުން ހުސައިން އަމާނާއި، މުހައްމަދު ވާފިރާއި، އަހްމަދު އާސިފާއި، އަބޫބަކުރު މުހައްމަދު އަދި އާމިރު މަންސޫރެވެ.

ހަމައެއާއެކު ނެޝަނަލް ބޯޓިން އެސޯސިއޭޝަންގެ މާކެޓިން ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަން ކުރި މެންބަރުންނަކީ، އެ ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް އަހްމަދު އަފްރާހާއި ވައިސް ޗެއާޕާސަންގެ މަގާމަނަށްޝާމް މުހައްމަދެވެ. މީގެ އިތުރުން މެންބަރުންގެ ގޮތުގައި ހޮވާފައި ވަނީ އަހްމަދު ރިޔާޒާއި، މަރިޔަމް މާއިޝާ އާއި، އާމިނަތު ސަލާހާއި ހުސައިން ހައްސާނެވެ.

ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސި ރިއްފަތަކީ ޓޫރިޒަމް ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ޝަރީފަކީ ކަނޑު އުޅަނދުފަހަރު ބަނުމުގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި އަލްޝާލީ މެރިންގެ ޖެނެރަލް މެނޭޖަރެވެ.