ރާއްޖޭގައި ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަން ދާތީ ޖަލުތަކުގައި ތިބި ހައިރިސްކު ގައިދީން ގެއަށް ބަދަލު ކުރަން ފަށައިފިއެވެ.

ކަރެކްޝަނުން ބުނީ ޖަލުގައި ބަލިމަޑުކަން ފެތުރެމުން ދާތީ ޖަލުގައި ތިބި ބައެއް ހައި ރިސްކު ގައިދީން މިހާރުވެސް ގެއަށް ބަދަލުކޮށްފައި ވާނެ ކަމަށާއި އަދި އިތުރު ބައެއް ގައިދީން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިހާތަނަށް ގެއަށް ބަދަލުކުރި ގައިދީންގެ އަދަދެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ޖަލުގައި ކޮވިޑް ފެތުރެން ފެށުމުން ހައި ރިސްކު ބައެއް ގައިދީން ވަނީ ގެއަށް ބަދަލުކޮށްފައެވެ.

ކަރެކްޝަނުން ބުނީ، މިހާތަނަށް މާފުށި ޖަލުން 78 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެއީ 66 ގައިދީންނާއި 12 އޮފިސަރުންނެވެ. މީގެ އިތުރުން 215 ގައިދީންނާއި ތިން އޮފިސަރުން ކަރަންޓީނުގަައި ތިބި ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.