ކޮވިޑް ޖެހިގެން ހުރެ ޕީޕީއެމް ހަރަކާތުގައި ބައިވެރިވާ ކަމަށް ފަތުރަމުންދާ ވާހަކަ ޕީއެންސީގެ ނައިބު ރައިސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދޮގުކުރައްވައިފިއެވެ.

މާލޭގައި ދިރިއުޅޭ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާއި ރައީސް އަބްދުﷲ ޔާމީން މިރޭ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ސައީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިކަމާ ގުޅިގެން ސޯސަލް މީޑީއާގައި އަންނަނީ ސައީދު ކޮވިޑަށް ރޭ ޕޮޒިޓިވްވެ ކަރަންޓީނު ވާން އަންގައިފާ ވަނިކޮށް މިރޭގެ ޕީޕީއެމްގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ބުނެފައެވެ.

ސައީދު ވަނީ އެ ވާހަކަތަކަކީ ދޮގެއް ކަމަށާއި މަސައްކަތަށް ނުކުންނެވީ އެޗްޕީއޭގެ ކަރަންޓީން މުއްދަތައް ހަމަކުރައްވައިފައި ކަމަށެވެ. އަދި ކޮވިޑް ވެކްސިންގެ 2 ޑޯޒް އާއި ބޫސްޓާ ޑޯޒްވެސް ފުރިހަމަކުރެއްވި ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މިރޭ ހެންވޭރުގައި ހުންނަ ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމުގައި ސައީދުގެ އިތުރުން މާލެ މޭޔަރު މުހައްމަދު މުއިއްޒު އާއި ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްވެސް ބައިވެރިވެވަޑައިގަތެވެ.