ކ. ގާފަރުގެ ދެކުނުން، ހުޅަނގާ ދިމާއަށް އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވާން އެދިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ކ. ގާފަރުގެ ދެކުނުން ހުޅަނގާ ދިމާއަށް އުޅަނދެއްގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަަށެވެ. އަދި އެހެންކަމުން އެ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެދޭ ކަމަށް އެމްއެންޑީއެފް ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޮޔާ ދަނީ ބޭރުގެ އުޅަނދެއް ކަމުގައި ވިޔަސް އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އިރުވައި މޫސުމުގެ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުގައި ވަކިން ހާއްސަކޮށް، މެދު ރާއްޖެއާއި ދެކުނުގެ ކަނޑުތަކުގެ އޮއިވަރު ގަދަ ދުވަސްވަރެއް ކަމުން މޫދާއި ކަނޑުމަތީގެ އެކި އެކި ހަރަކާތްތައް ހިންގާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މީގެ ކުރިން އެދިފައެވެ.