ޔޫކްރައިންއާއި ރަޝިއާގެ ހީނަރު ގުޅުމުގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައި ވާ މި ދަނޑިވަޅުގައި، ރަޝިއާއާއި އިންޑިއާއަށް އެސް-400 މިސައިލްގެ އަސްކަރީ ވިޔަފާރި ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ނެޑް ޕްރައިޒް ވިދާޅުވީ، މި މުއާމަލާތަކީ އެސް-400 ނިޒާމާ މެދު އެމެރިކާގައި ހުރި ކަންބޮޑުވުންތައް ބަދަލު ކުރުވާ މުއާމަލާތެއް ނޫން ކަމަށެވެ. އަދި މި ކަމަކީ، ސަރަހައްދުގެ އިތުރުން ސަރަހައްދުން ބޭރުގައި ހަމަޖެހުން ނަގާލުމަށް ރަޝިއާއިން އަދާ ކުރަމުން ދާ ރޯލަށް ވަރަށް ސާފުކޮށް އަލިއަޅުވަނިވި ކަމެއް ކަމަށްވެސް ޕްރައިޒް ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އިންޑިއާއިން ދަނީ، ރަޝިއާގެ އެސް-400 ޓްރަޔަމްފް ސާފަސް ޓު އެއާ މިސައިލް ޑިފެންސް ސިސްޓަމްގެ ފުރަތަމަ ޔުނިޓްގެ އޮޕަރޭޝަން މަސައްކަތްތައް، އަންނަ އޭޕްރިލް މަހު ފެށުމަށް ރާވަމުންނެވެ.

އެސް-400 އެއާ ޑިފެންސް މިސައިލް ސިސްޓަމްގެ 5 ޔުނިޓެއް ގަތުމަށް ރަޝިއާއާއެކު އިންޑިއާއިން ސޮއި ކުރީ އޮކްޓޯބަރު 2018 ގައެވެ.

އިންޑިއާގެ މި ވިޔަފާރިއަކީ، އެމެރިކާގައި ތަންފީޒު ކުރަމުން އަންނަ "ކާޓްސާ" ނުވަތަ އެމެރިކާއާ ދެކޮޅުވާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުގެ ތެރެއިން ކުރިމަތިލުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ވިޔަފާރިއެއް ކަމަށް އެމެރިކާއިން ބުނެއެވެ. އަދި މި މުއާމަލާތާ ގުޅިގެން، ކާޓްސާއަށް ރިއާޔަތްކޮށް، އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ޕްރައިޒް ވަނީ ވިދާޅުވެފައެވެ.

މި މޭރުމުން ޕްރައިޒް ވަނީ، އިންޑިއާ ވިއަސް އަދި އެހެން ގައުމަކުން ވިއަސް، ރަޝިއާގެ ހަތިޔާރު ނުގަތުމަށް، ގައުމުތަކަށް ގޮވާލައްވާފައެވެ.

އެސް-400 ޑިފެންސް ސިސްޓަމަކީ، މޯބައިލް ކޮމާންޑް އުޅަނދެއް ބޭނުން ކޮށްގެން، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރާވާލެވޭ މިސައިލް ނިޒާމެކެވެ. އަދި މި ނިޒާމަކީ، 400 ކިލޯމީޓަރު ވަށައިގެންވާ ސަރަހައްދުން އަންނަ ނުރައްކާ ދެނެގަންނަ ޑިފެންސް ސިސްޓަމެއް ކަމަށް މައުލޫމާތު ލިބެއެވެ.