ކުރިއަށް އޮތް މަހު، ރަޝިއާއިން ޔޫކްރައިންނަށް އަރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޒާރު ދެއްވާފައި ވަނިކޮށް، ޔޫކްރައިންގައި ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭއި ލަވްރޯފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ލަވްރޯފް ވިދާޅުވީ، ރަޝިއާއިން އުޅެނީ ފަހަރެއްގައިވެސް ހަނގުރާމައެއް ކުރަން ނޫން ކަމަށާ، ނަމަވެސް ރަޝިއާގެ ސަލާމަތީ މަސްލަހަތު އެކުލެވޭ ކަންކަމާ އަޅާ ނުލާ، އެ ގައުމުން ދޫކޮށް ނުލާނެ ކަމަށެވެ.

ޔޫކްރައިންއާ ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަމުން ދާއިރު، އެއީ ރަޝިއާއިން ޔޫކްރައިންއަށް އަރަން މަސައްކަތް ކުރާ ކަމުގެ ހެއްކެއްގެ ގޮތުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދަނީ، ދުނިޔެއަށް ސިފަ ކޮށްދެމުންނެވެ.

ކަން މިހެން އޮތް އިރު، ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ރަޝިއާއިން ކުރި ޑިމާންޑްތައް ބަލައިގަތުމަށް އެމެރިކާއިން ވަނީ އިންކާރު ކޮށްފައެވެ. ރަޝިއާގެ އަސާސީ މަގުސަދަކަށް ވަނީ، ނޭޓޯގެ އިއްތިހާދީ މެންބަރަކަށް ޔޫކްރައިން ވިޔަ ނުދީ، އެކަމަށް ހުރަސް އެޅުމެވެ.

ރަޝިއާއިން ވަނީ މި ރައްދާ މެދު ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. ނަމަވެސް، މިއީ މަޝްވަރާތަކެއްގައި ވާހަކަ ދެކެވިދާނެ ނުކުތާތަކެއް ކަމަށްވެސް ރަޝިއާއިން ވަނީ އިޝާރާތް ކޮށްފައެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމައެއް ފެށުން ވެގެން ދާނީ ގެއްލުންދެނިވި ނަތީޖާތަކެއް ނެރޭނެ ކަމެއް ކަމުގެ އިންޒާރު، އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ދީފައެވެ.