ދަރިއަކު އުފަންވުމަށް ކުޑަތަންވަމުން އަންނައިރު މައިންބަފައިން ދެކޭ ހުވަފެންތަކާއި ވިސްނާ ވިސްނުންތައްވެސް އިތުރުވެއެވެ. އެގޮތުން ދަރިންގެ ޒިންމާތަކާމެދު މައިންބަފައިން ވިސްނާއިރު ލ. ފޮނަދޫ ހުސައިން އާސިފް އާއި ކ. މާލެ އުނައިޝާ އަހުމަދު އިގުބާލު ވިސްނުން މާ ތަފާތެވެ. ދިވެހިރާއްޖޭގެ ވަށައިގެން ބޮޑު ބައެއްގައި ކަނޑުގެ ސަރަހައްދެއް ހިމެނޭއިރު، ހާދިސާތަކުގައި ކުޑަކުދިންގެ ފުރާނަ ގެއްލުމުގެ އަޑުއިވި އެ ދެމަފިރިން ގަސްތުކުރީ އެ މީހުންގެ ދަރިފުޅު ޒިވިއަން ހުސައިން އާސިފަށް އެ ފަދަ ހާދިސާއަކުން ސަލާމަތް ވެވޭނެ ވަރަށް މޫދަށް ހާނާށެވެ.

އެ ވިސްނުމުގައި ޒިވިއަން ގޮވައިގެން މަންމަ އާއި ބައްޕަ މޫދަށް ދާން ފެށީ އޭނާގެ އުމުރުން 2 މަހުގައެވެ. މިހާރު އުމުރުން 3 އަހަރުގެ ޒިވިއަން ފަތާ، އަޑިއަށް ގޮސް އުޅޭ ގޮތުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފައެވެ.

https://www.instagram.com/p/CG5VO31piaF/?utm_medium=copy_link

"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ޒިވިއަންގެ ބައްޕަ އާސިފް ބުނީ މިކަން ފެށުނީ ކުޑަކުދިންނަށް މޫދުގައި ތަފާތު ހާދިސާތައް ކުރިމަތިވަމުން އަންނާތީ ކަމަށާއި އެހެންކަމުން އެ ފަދަ ހާދިސާއެއް ކުރިމަތިވެދާނެތީ ކޮންމެވެސް ދަރިފުޅަށް ވަރަކަށް ފަތަން ދަސްކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. ފަތަން ދަސްކޮށްދޭން ފެށީ ޒިވިއަންގެ ރައްކާތެރިކަމަށް ވިސްނައިފައި ކަމަށާއި އެފަދަ ހާދިސާތައް މަދުވާނީ ކޮންމެވެސް ވަރަކަށް ދަސްކޮށްދީފައި ހުރުމުން ކަމަށް އާސިފް ވަނީ ބުނެފައެވެ.

"ޒިވިއަންގެ ސޭފްޓީއަކަށް ވިސްނާފަ އެކަން ކުރީ. އަޅުގަނޑު ދެކޭ ގޮތުގައި އެކަހަލަ ހާދިސާތައް ވަރަށް ބޮޑަށް މަދުވާނެ ކޮންމެވެސް ވަރަކަށް ކިޔައިދީފާ ހުރީމަ"
ޒިވިއަންގެ ބައްޕަ ހުސައިން އާސިފް

ޒިވިއަން މަންމަ އާއި ބައްޕައާއެކު / ފޮޓޯ: ހުސައިން އާސިފް

އާސިފް ބުނީ ޒިވިއަން މޫދަށް ގެންގޮސް ގެންގުޅެން ފެށީ ވަރަށް ބައިވަރު ދިރާސާތަކެއް ކޮށް، ވަރަށް ބައިވަރު ތަޖުރިބާކާރުންގެ ކައިރިންވެސް އަހާ އޮޅުން ފިލުވައިގެން ކަމަށެވެ. އެ ދިރާސާތަކުން އެނގުނު ގޮތުގައި ފެނުތެރޭގައި ފުރާނަ ސަލާމަތް ކުރުމުގެ ހުނަރުތަކެއް ގުދުރަތީ ގޮތުން ވަކި މަހެއް ވަންދެއް ތުއްތުކުދިންނަށް ލިބިފައިވާ ކަން އެނގުނު ކަމަށް އާސިފް ބުންޏެވެ.

އެ ދެމަފިރިންނަކީވެސް ވަރަށް ގިނައިން މޫދުގައި އުޅޭ ބައެއްކަން ފާހަގަކުރަމުން އާސިފް ބުނީ ޒިވިއަން މޫދަށް ޝައުގުވެރިކަން ހުރިކަން 6 މަހާއި 1 އަހަރާ ދެމެދު ފާހަގަކުރެވުނު ކަމަށެވެ.

"ޒިވިއަން އަބަދުވެސް ހުންނާނީ މޫދަށްދާންވެފަ"
ޒިވިއަންގެ ބައްޕަ ހުސައިން އާސިފް

އާއްމުކޮށް ހަފްތާ އަކު މަދުވެގެން 4 ދުވަހު ޒިވިއަން ގޮވައިގެން މަންމައާއި ބައްޕަ މޫދަށް ދާއިރު ދުވާލަކު މަދުވެގެން 1 ގަޑިއިރާއި 30 މިނެޓް ނުވަތަ 2 ގަޑިއިރު ހޭދަކުރެވޭ ކަމަށް އާސިފް ވަނީ ބުނެފައެވެ. އަދި ހަފްތާގެ ދުވަސްތަކުގައި ޒިވިއަން ގޮވައިގެން ގިނަވެގެން 3 ގަޑިއިރު މޫދުގައި ހޭދަކުރާ އިރު ހަފްތާ ބަންދުގައި 4 ނުވަތަ 5 ގަޑިއިރުވެސް ހޭދަކުރެވިފައި ހުންނާނެ ކަމަށް އާސިފް ވަނީ ބުނެފައެވެ.

އާސިފް ބުނީ އާންމު ގޮތެއްގައި ޒިވިއަން ގޮވައިގެން ދަނީ ރަސްފަންނާއި ވިލިނގިއްޔަށް ކަމަށާއި އަބަދުވެސް ހުރިހާ ވަގުތެއްގައިވެސް ފެންނަ ހިސާބުގައި ބެހެއްޓުމާއި އެކަނި ދޫނުކޮށްލުމަށް ސަމާލުކަންދޭ ކަމަށް ބުންޏެވެ.

ޒިވިއަން އޭނާގެ ބައްޕައާއެކު / ފޮޓޯ: ހުސައިން އާސިފް

ޒިވިއަންގެ އުމުރުން 2 މަހުގައި މޫދަށްލީކަން ފާހަގަކުރަމުން އާސިފް ބުނީ 1 އަހަރާއި 6 މަހުގައި ފެންމަތީ އޮންނާށާއި އަޑިއަށް ގޮސް ނޭވާ ހިފަހައްޓައިގެން އޮންނަން ދަސްކުރި ކަމަށާއި ފީނަން ދަސްކުރީ 2 އަހަރުގައި ކަމަށެވެ.

މަސްތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެނި ޒިވިއަން ވަރަށް މަޖާވެގެން އުޅޭ ކަމަށާއި މަސް ފެނި އަޑީގައި އޮވެ ވާހަކަދައްކަން އުޅުމުގެ ތެރޭގައި ބައެއް ފަހަރު ކުޑަކޮށް ލޮނު ބޮވޭ ކަމަށް އާސިފް ވަނީ ބުނެފައެވެ. އާސިފް ބުނީ އެކަހަލަ ކަމެއް ކިރިޔާ ވާއިރަށް މައްޗަށް ނަގާ، ހަމައަކަށް އެޅުމުން އަނެއްކާވެސް ޒިވިއަން އަޑިއަށް ދާން ބޭނުންވާ ކަމަށެވެ.

"މަސް އެއްޗެހި އަލަށްފެނި ވަރަށް އެކްސައިޓްވޭ. އަޑީގަ އޮވެގެން ވާހަކަވެސް ދައްކާނެ ބައެއް ފަހަރު އެހެން ވާހަކަދައްކަން ހަދައިގެން ލޮނު ބޮވޭނެ ކުޑަކުޑަކޮށް. އެކަހަލަ ކަމެއް ކިރިޔާ ވާއިރަށް މައްޗަށް ނަގަނީ، ނަގާފަ ހަމައަކަށް އެޅުނީމަ އަނެއްކަ ދާންވެފާ އިންނާނީ. ލޮނު ބޮއިގެންވެސް ބިރުންނެއް ނޫޅެ އަނެއްހެން މޫދުގައި ޒިވިއަން ޖެހިލުންވާ ކަމެއް ނުހުރެ. މީގެ 4 ނުވަތަ 5 ދުވަސް ކުރިން މޫދަށް ގޮސް މަސްތަކަށް ކާންދޭން ކާއެއްޗެހި ފުޅިއަކަށް އަޅައިގެން މޫނު އަޑިއަށްލައިގެން މަސްތައް ފަހަތުން ހަމަ ދުވަނީ"
ޒިވިއަންގެ ބައްޕަ ހުސައިން އާސިފް

އާސިފް ބުނީ އެއްވެސް ކަހަލަ މުބާރާތެއްގައި ޒިވިއަން ބައިވެރިކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި އިތުރު ކުދިންނާ ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަަމަށެވެ. އެހެންނަމަވެސް ޒިވިއަން ކުރަން ހުރި ކަމަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އާސިފް ވަނީ ބުނެފައެވެ.

އާސިފް ބުނީ މިޔަރު އަދި ވެލާތަކަކާއެކު ފަތަން ބޭނުން ކަމަށް މިހާރު ޒިވިއަން ބުނާ ކަމަށާއި އެކަމަށްޓަކައި ވ. އަތޮޅަށް ދަތުރެއް ދިޔުމަށް ރާވަމުން އަންނަ ކަމަށް ބުންޏެވެ.

އާސިފް އިތުރަށް ބުނީ މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް ވީހާވެސް މަދުކުރުމަށް ކޮންމެ މީހަކުވެސް ދަރިންނަށް ކޮންމެވެސް ވަރަކަށް ފަތަން ދަސްކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.