ފުލުހުންގެ ހައްޔަރުގައި މީހަކު އަތޮޅުވެއްސަށް ގެންދަނިކޮށް މޫދަށް ފުންމާލާ ފިލަން އުޅެނިކޮށް އަނެެއްކާ ހައްޔަރު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އެ މީހާ ފުލުހުންގެ ވެހިކަލްގައި އަތޮޅުވެހި ކައިރިއަށް ގެންގޮސް ބޭލިތަނުން ދުވެ ފުންމާލީ މޫދަށެވެ. އަދި ފަތާފައި ގޮސް ކަނޑާ ހަމައަށް ދިޔަ ތަނުން ދެ ލޯންޗެއްގައި ފުލުހުން ގޮސް އޭނާ ވަނީ ނަގާފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު 04:00 ހާއިރު ކަމަށާއި އޭނާ މޫދަށް ފުންމާލުމުން ނަގާފައިވާ ކަމަށެވެ. އަދި އެއީ 42 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ކަނޑަށް ފުންމާލައި ފިލަން އުޅުނު މީހާ ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ

މި މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ކަނޑަށް ފުންމާލި މީހާ ހޯދުމަށް ފުލުހުން ވެސް ވަނީ ކަނޑަށް ފުންމާލާފައެވެ. އަދި އޭނާ ކަނޑުން ނަގައިގަނެގެން ގެންދިޔަ އިރު، ހުރީ ބިޑިވެސް އަޅުވާފައެވެ. އޭނާ ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް ފުލުުން ހާމަކޮށްފައި ނުވެއެވެ.

މީގެ ކުރިންވެސް ފުލުހުންގެ ހައްޔަރުގައި ތިބޭ މީހުން ފިލައިގެން ދާ މައްސަލަތައް ފެންމަތިވެފައި ވެއެވެ.