މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ މޫދަށް ފުންމާލި ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މުދިމު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް ކުރި މަސައްކަތުން މުދިމު ފެނިފައި ނުވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އެންއެންޑީއެފް ނޮދާން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަނުން ދަނީ ކުރަމުން ކަމަށެވެ. އަދި މި އޮޕަރޭޝަންގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިވީހާތަނަށް އެ މީހާ ފެނިފައި ނުވާ ކަމަށާއި އެ މީހާ ގެއްލުނުތާ ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު މީހާއާ ގުޅުން ހުރި އެއްވެސް އެއްޗެއްވެސް ފެނިފައި ނުވާކަމަށެވެ.

މިހާތަނަށް މުދިމު ހޯދުމަށް ޑައިވްކޮށްގެން 96500 އަކަ މީޓަރު ބަލާފައިވާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ޑައިވްގައި، 66500 އަކަ މީޓަރު ބަލާފައި ވާއިރު، ދެވަނަ ޑައިވްކޮށްގެން 30000 އަކަމީޓަރު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މުދިމު ހޯދުމުގެ ގޮތުން ކޯސްޓް ގާޑް ލޯންޗުގައި މިހާތަނަށް 136،311،245 އަކަ މީޓަރު ކަނޑުގެ ސަރަހައްދު ބަލާފައި ވާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާގެ މުދިމު މޫދަށް ފުންމާލާތަން ސީސީޓީވީން ފެނެއެވެ. އޭނާ ފޯން ކޯލެއްގައި ހުރެ، ރިސޯޓުގެ ސަޕްލައި ޖެޓީއަށް އަރާ ކަމަށާއި އަދި މޫދަށް ފުންމާލާތަން ފެނުނު ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ 6 ވަނަ ދުވަހުގެ ރޭ 10:13 ހާއިރެވެ.

މިހާރު މިހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް ލިބުނު މައުލޫމާތުން އެ މީހާ ފުންމާލަން ޖެހުނު ސަބަބެއް ސާފުވާގޮތެއް ނުވެއެވެ.