މާލޭ ފަޅުތެރޭ މޫދަށް ވެއްޓި މަރުވެފައި އޮތް މީހެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ އެމީހާ ފެނުނީ ހެނދުނު 10 އެއް ޖަހަން އުޅެނިކޮށް ކަމަށާއި މިހާރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ.

މޫދުން މިއަދު ފެނުނު މީހާ އޮތީ ފުލުހުންގެ ޓޯޔާޑާ ދިމާ މޫދު ފަޅުތެރޭގައެވެ.

މިއަދު މޫދައް ވެއްޓިފައި އޮތް މީހަކު ފެނުނު އިރު، ހުސްވި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުވެސް ވަނީ މޫދުގައި މަރުވި މީހަކު ފެނިފައެވެ. މުހައްމަދު ސިދުރަތުﷲ ނަމަކަށް ކިޔާ އެމީހާ ފެނުނީ އައިޖީއެމްއެޗާ ދިމާ މޫދުގައި މަރުވެފައި އޮއްވައެވެ.

އޭނާގެ މަރާ ގުޅިގެން ފުލުހުން ވަނީ، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްވެސް ހަދާފައެވެ. އަދި ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނީ އޭނާ މަރުވީ ގެނގިގެން ކަމަށެވެ.