ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް މެދު ނުކެނޑި ރާއްޖެއަށް އެހީވާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

ރައީސް ސޯލިހް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކުރައްވާ ދިވެހި ބަހުން ކުރެއްވި ޓްވީޓަކާ ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާގެ އެންބަސީއިން ބުނީ މިއަދު ޗައިނާގެ ރައީސް ޝީ ޖިންޕިން، ރައީސް ސޯލިހަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންގައި ވާ ކަމަށެވެ.

އެ އެންބަސީއިން އިތުރަށް ބުނީ އެ މެސެޖުގައި ޗައިނާގެ ރައީސް ވަނީ ރާއްޖެ އާއި ޗައިނާގެ ގުޅުމަކީ މުހިންމު ގުޅުމެއް ކަމަށާއި ރާއްޖޭއަށް، ކޮވިޑުން ރައްކާތެރިވުމަށާއި އަދި ކޮންޓްރޯލް ކުރުމަށް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

ރައީސް ސޯލިހް މި މަހުގެ 22 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ކަން އެނގިވަޑައިގަތީ އަތޮޅުތެރެއަށް ދަތުރުކުރެއްވުމަށް ޕީސީއާރް ހެއްދެވުމުން ކަމަަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މީގެ ކުރިން ވަނީ އަވަސް ޝިފާއަކަށް އެދިވަޑއިެގންފައެވެ.

ރައީސް ސޯލިހަށް ކޮވިޑް ޖެހިފާ ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންނަށް އިއްޔެ ފޯކައިދޫއަށް ވަޑައިގަންނަވަން ނިންމަވާފައި ވަނިކޮށެވެ.