މިދިޔަ އާދީއްތަ ދުވަހު މެލޭޝިއާގައި ކުއްލި ގޮތަކަށް ނިޔާވި ވެބް ޑިވެލޮޕަރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ގެ ހަނދާނުގައި އޮންލައިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

ޑާޑިގެ ހަނދާނުގައި ހުޅުވި އޮންލައިން ދަފްތަރުގައި އޭނާ އާ ގުޅޭ ގޮތުން ފާޅުކުރާ ޝުއޫރުތައް ޕްރިންޓްކޮށް ފޮތެއްގެ ގޮތުގައި އޭނާގެ އާއިލާއާއި ހަވާލުކުރަން ވަނީ ނިންމާފައެވެ.

މިހާރުވެސް ޑާޑިގެ ގިނަ ރަހުމަތްތެރިން އޭނާގެ ތަފާތު ހަނދާންތައް ލިޔެފައިވާއިރު، އެލައިޑްގައި ޑާޑި އާ އެކު މަސައްކަތްކުރެއްވި ނިއުޝާދު ޝަރީފް ލިޔުއްވާފައިވާ ގޮތުން، ޑާޑިއަކީ އާ ކަންކަން އެކްސްޕްލޯ ކުރުމަށް ޝައުގުވެރިކަން ހުންނަ ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވެއެވެ. އޭގެ އިތުރުންވެސް ޑާޑިގެ ގިނަ ރަހުމަތްތެރިން ވަނީ އޭނާ އަށް ހެޔޮ ދުއާކޮށްފައެވެ.

މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގައި ޑާޑިގެ ޖަނާޒާ ވަނީ ބާއްވާފައެވެ.

ޑާޑި ނިޔާވިއިރު އޭނާ ހުރީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަން އުފައްދާ ލޮޓީފައިލްގެ ޕްރޮޑަކްޓް ލީޑްގެ މަގާމުގައެވެ. އޭގެ އިތުރުން، ސްޓާޓްއަޕްތަކަށް އެހީތެރިވުމަށް އުފައްދާފައިވާ ސްޕާކްހަބްގެ ކޯ ފައުންޑަރަކީވެސް އޭނާއެވެ.

އޭނާ ވަނީ އެލައިޑްގައި މަސައްކަތްކުރެއްވި އިރު ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފު ވެސް ތައާރަފު ކުރައްވާފައެވެ.