ދައުލަތަށް 41 އަހަރަށް ވުރެ ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި، ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫގް އަހްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ފާރޫގް އަހްމަދަކީ ދިވެހި ދައުލަތަށާއި، ވަކީން ހާއްސަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަގާމުތަކުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މީގެ އިތުރުން ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީހަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި، އިލްމީ އަދި ތަޖުރިބާކާރު ބެފުޅެއް ވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ފާރޫގް އަހްމަދު ނިޔާވުމަކީ ދިވެހި ދައުލަތަށް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އެ މަރުހޫމްގެ އާއިލާއަށާއި ފުވައްމުލަކުގެ އެންމެހައި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ފާރޫގް އަހްމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަހްމަތުގައި ލަހައްޓެވުން އެދި ދުއާ ކުރައްވަމުންނެވެ.