އުނގެނުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތަކާ މެދު ބެލެނިވެރިންނަށް މައުލޫމާތު ހިއްސާކުރުމުގެ މަގުސަދުގައި ޑރ. ފާތިމަތު ނިޝާން ތައްޔާރު ކުރެއްވި ފޮތް "އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުން: ބެލެނިވެރިންނަށް އެހީއެއް" މިއަދު ނެރެފިއެވެ.

އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން ޑރ. ފާތިމަތު ނިޝާން ތައްޔާރުކުރެއްވި އެ ފޮތް ނެރެދެއްވާފައިވަނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފީހުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރު ޑރ. އިބްރާހީމް ހަސަނެވެ.

މިއީ އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަަރިވަރުންގެ މައުލޫމާތު ބެލެނެވެރިންނަށް ދިވެހި ބަހުން ލިޔެ އުފެއްދުނު ފުރަތަމަ ފޮތެވެ.

ފޮތް ނެރެދެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ދަރިވަރުން ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ގިނަވެގެން ދިޔަ ކަމަށާއި، މި ފޮތުގެ ސަބަބުން ގިނަ ވަގުތު ގޭގައި ތިބޭ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެހީއަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މިކަހަލަ އިލްމީ ފޮތްތަށް ގިނަވި ވަރަކަށް ކުދިންގެ ތައުލީމަށް ކުރިއެރުން ލިބިގެންދާނެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އިލްމީ ބޭފުޅުން މި ކަހަލަ ފޮތެއްގެ މަސައްކަތް ކުރެއްވުން އެއީ ރަނގަޅު ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ފާތިމަތު ނިޝާން ވިދާޅުވީ، މި ފޮތް އީބުކްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނަށް ހަދިޔާކުރެވި އެ ޑިޕާޓްމަންޓުގެ ވެބްސައިޓުން ހުރިހާ ބެލެނެވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށާއި، ކޮވިޑުގެ ހާލަތުން ގޭގައި ގިނަ ވަގުތު ހޭދަކުރާ ދަރިވަރުންނަށާއި ބެލެނެވެރިންނަށް އެހީއަކަށް މި ފޮތް ވެގެންދާނެ ކަމަށެވެ.

"ކުދިން އުނގެނުމުގެ މަސައްކަތް ކުރުމުގައި އެކުއްޖެއްގެ ހުންނަ ދަތިކަމަށް ބަލައިގެން އެހީތެރިވެދޭނެ ގޮތްތައް ފޮތުގައި ހިމެނިފައި ވާނެ." ޑރ. ނިޝާން ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން އިތުރު ދެ ފޮތެއް ނެރެން ހަމަޖެހިފައިވާ ކަމަށްވެސް ޑރ. ނިޝާން ވިދާޅުވިއެވެ.