ދުނިޔެއިން ކޮރަޕްޝަން ނައްތާލުމަށް ވޯލްޑްބޭންކުގެ ކުރީގެ މުވައްޒަފުން އެކުވެގެން 1993 ވަނަ އުފެއްދި ބައިނަލްއަގުވާމީ ޖަމިއްޔާ، ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކުވެސް އެކުލަވާލަމުން އަންނަ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގެ 2021 ވަނަ އަހަރުގެ ސްކޯ ޗާޓުން، ދިވެހި ރާއްޖެ، 3 ދަރަޖަ ފަހަތަށް ޖެހިއްޖެއެވެ.

0 އިން ފެށިގެން 100 އަށް ސްކޯއެއް ދީގެން ޓްރާންސްޕޭރަންސީއިން އެކުލަވާލާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި 2021 ވަނަ އަހަރު ދިވެހިރާއްޖެއަށް ދީފައި ވަނީ 40 ގެ ސްކޯއެކެވެ. 2020 ވަނަ އަހަރުގެ ސްކޯއަކީ 43 އެވެ. ސީޕީއައި 0 އާ ގާތް ވާ ވަރަކަށް އެ ގައުމުގައި ކޮރަޕްޝަންގެ ހާލަތު ގޯސް ކަމުގައި ބަލާއިރު، 100 އާ ގާތް ވަމުން ދާ ނަމަ، އެއީ ކޮރަޕްޝަންގެ "ތަޣައްޔަރު" ކަން ސާފުވުމެވެ.

180 ގައުމެއް ހިމެނޭހެން ޓްރާންސްޕޭރަންސީއިން ދީ ފައިވާ ރޭންކުގައި ރާއްޖެ ލިސްޓު ކޮށްފައި ވަނީ 85 ވަނަ ރޭންކުގައެވެ. އެ ޖަމިއްޔާއިން ކުރި ދިރާސާތަކުން، ސަރުކާރުގެ ކޮރަޕްޝަނަކީ ބޮޑު މައްސަލައެއް ކަމަށް 90 ޕަސެންޓް މީހުން ބުނާ ކަމަށާ، އާންމު ހިދުމަތެއް ހޯދުމަށް 2 ޕަސެންޓް މީހުން ރިޝްވަތު ދިން ކަމަށްވެސް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ރިޕޯޓްގައި ރާއްޖެއަށް ހާއްސަކޮށްފައި ވާ ކަންޓްރީ ޕްރޮފައިލް ގައި ބަޔާން ކޮށްފައި ވެއެވެ.

ކޮރަޕަޝަނަކީ މިއަދު މުޅި ދުނިޔެއަށް ވެސް ކުރިމަތިލާން ޖެހިފައި ވާ އަލަމީ ވަބާ އަކަށް ވެފައި ވާއިރު، ރާއްޖެއިން ވެސް ދަނީ ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަތަކެއް ކުރަމުންނެވެ. ރާއްޖެއަކީ ކޮރަޕްޝަނާ ދެކޮޅަށް "ޒީރޯ ޓޮލަރަންސް"ގެ ސިޔާސަތެއް ގެންގުޅޭ ގައުމަކަށް ވީ ނަމަވެސް، ދޭތެރެ ދޭތެރެއިން ކޮރަޕްޝަންގެ ތުހުމަތުތައް ފެންމަތިވެއެވެ.