ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިންނަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ވަފުދެއް ކޮމަންޑުއަށް ފުރާވަޑައިގެންފިއެވެ.

ގާސިމް އެ ދާއިރާ އަށް ވަޑައިގަންނަވަން ނިންމެވިއިރު، ޖޭޕީގެ ސްލޮޓެއްގައި ނައިބު ރައީސް ކަމުގައި ހުންނެވި ފައިސަލް ނަސީމް ވެސް ވަނީ ރާޝިދަށް ތާއީދު އިތުރުކުރުމުގެ ކަންކަމަށް ދާދި ފަހުން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންފައެވެ.

މިއަދުގެ މި ދަތުރުގައި ގާސިމާއެކު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިކަމާ ގިނަ ބަޔަކު ފާޑުކިޔުން ގާސިމަށް އަމާޒުވެފައި ވާއިރު އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކުރިން ޖެންޑާ މިނިސްޓަރުގެ މަގާމުގައި ފުރުއްވާ، މިހާރު އެމްއެންޕީގެ ނައިބު ރައީސް ޝިދާތާ ޝަރީފް ވަނީ ގާސިމަށް ފާޑުވިދާޅުވެފައެވެ. ޝިދާތާ ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ހައިރިސްކް ބޭފުޅެއް ކަމަށް ވިދާޅުވެ، ގާސިމް ގެންދެވީ ފާއިތުވި ދެ އަހަރު ވެސް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވައި މުސާރަ ނަންގަވަމުން ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅު ބައްލަވައި ގާސިމް ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވަނީ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ހަރަކާތްތައް، އެ ގޮނޑިއަށް ވާދަކުރައްވާ 3 ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުން އަންނަނީ ކުރަމުންނެވެ.