ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރައްކާތެރި ވުމަށް ވެކްސިން ޖެހުމަށް ފަހު 2 ހަފްތާއަށް، ގަދައަށް ކަސްރަތު ކުރުން ހުއްޓާލަން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮފް އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް އެދިވަޑައިގެންފިއެވެ.

ފައިސަލް މިހެން ވިދާޅުވެފައި މި ވަނީ، ރާއްޖޭގެ ވެބް ޑިވެލޮޕަރު އަދި މުހައްމަދު ހުސެން މަނިކު (އެސްޓީއޯ މަނިކު) ގެ ދަރިފުޅު އަހްމަދު ރިޔަޒީ މުހައްމަދު (ޑާޑި) ބޫސްޓާ ޑޯޒް ޖެހުމަށް ފަހު ނިދާލާ ތެދުވެ ކަސްރަތަށް ނިކުމެ އުޅެނިކޮށް ވެއްޓިގެން ނިޔާވެފައިވާ ދަނޑިވަޅެއްގައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިންގެ މައިގަނޑު ބޭނުމަކީ ބަލިން ދިފާއުވުމަށްޓަކައި ދިފާއީ ނިޒާމު ރުުކުރުވާލުން ކަމަށް ވާއިރު ބައެއް ފަހަރު މާ ގަދަޔަށް ކަސްރަތު ކުރެވުމުން މަދުން ނަމަވެސް މަޔޯކާޑިއަލް ޑިޒީޒް ފަދަ ކަންތައްތައް ކުރިމަތިވެފައި އެބަހުރި ކަމަށެވެ.

ފައިސަލް ވިދާޅުވީ ބައެއް ގައުމުތަކުގެ ސިއްހީ އިދާރާތަކުން އިރުޝާދު ދެނީ އެއް ހަފްތާއަށް ކަސްރަތު ކުރުން ހުއްޓާލުން ކަމަށާއި އެކަމަކު އެންމެ އެދެވިގެންވަނީ ދެ ހަފްތާއަށް ކަސްރަތު ކުރުން ހުއްޓާލަން ކަމަށެވެ.

" އެޑްވައިސް ކުރަނީ 2 ހަފްތާއަށް، ދުވުން، ޖޮގިންއަށް ދިޔުން ބޮޑީ ބިލްޑިން ދެ ހަފްތާއަށް ހުއްޓާލަން، އެހެންނަމަވެސް އާއްމު ދިރިއުޅުމުގައި ކުރާ ކަންތައްތައް ކުރުމަށް ހުރަހެއް ނެތް"
ޑރ. ފައިސަލް

ފައިސަލް ވިދާޅުވީ ވެކްސިނަށް ފަހު ކަސްރަތު ކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހި ހާލު ދެރަވުން ފަދަ ކަންތައް ދިމާވެފައި އެބަހުރި ކަމަށާއި އެހެންނަމަވެސް ރާއްޖޭގައި އެފަދަ އެއްވެސް ކަމެއް އަދި ދިމާވެފައި ނުވާ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ މިކަމަކީ ބޫސްޓާ ޑޯޒްއަށް އެކަނި ދެއްވާ އިރުޝާދެއް ނޫން ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ފަހު ކަސްރަތު މެދުކަނޑާލުމަށް ފަހު ގިނައިން ފެންބޯން ޑރ. ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ.

ރާއްޖޭގައި މިހާތަނަށް 397،382 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު ދެވަނަ ޑޯޒް ޖަހާފައި ވަނީ 369،151 މީހުންނެވެ. ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 49،142 އެވެ.