2021 ވަނަ އަހަރު ނިމެންދަނިކޮށް ދެކުނު އެފްރިކާ އިން ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓުގެ ރާޅުގަނޑުގެ އޮއެ މަޑުވާން ފަށާފައި ވާ އިރު، މިއީ މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އާލަމީ ބަލިމަޑުކަމަށް ނިމުން އަންނަން އުޅޭ ކަމުގެ އިޝާރާތަކަށް ވެދާނެ ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަ ދައްކަވަމުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވިލާތު ޑައިރެކްޓާ، ހާންސް ކްލޫގެ ވެސް ވަނީ، މި ދުވަސްވަރަކީ، އެ ސަރަހައްދަށް ކުރިމަތިލާން ޖެހިފައި ވާ އޮމިކްރޯން ވޭރިއަންޓްގައި ހޭދަ ކުރާ އެންމެ ފަހު މަރުހަލާގެ ދުވަސްތައް ކަމަށް ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ކްލޫގެ ވަނީ، މާޗް 2022 ގެ ނިޔަލަށް ވިލާތުގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް އޮމިކްރޯން ޖެހުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އޮމިކްރޯން ވޭރިއަންޓްގެ ރާޅު މަޑުވާއިރު، ހަފުތާ ނުވަތަ މަސްތަކަކަށް، އިމިއުނިޓީ (ދިފާއު) ބަވަނަވަންތަ ގޮތެއްގައި ލިބުން އެކަށީގެންވާ ކަމަށްވެސް ކްލޫގެ ވަނީ ވިދާޅުވެފައެވެ.

އަހަރު ނިމޭ ކޮޅުގައި ކޮވިޑްގެ އާ ރާޅެއް ބިންދާލުމާ ހަމައަށް، ވަގުތު ކޮޅެއް ލިބޭނެ ކަމަށް ކްލޫގެ ވަނީ ލަފާ ކުރައްވާފައެވެ.

އެމެރިކާގެ އިސް ސައެންސްވެރިޔާ ޑރ އެންތަނީ ފައޫޗީގެ ވާހަކަވެސް ހުރީ މިފަދަ ރޫހެއްގައެވެ.

އޭބީސީ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ފައޫޗީވަނީ، އެމެރިކާގައި ހަލުވިކަމާއެކު ކޮވިޑް ކޭސްތައް މަދުވަމުން އަންނަ ކަމަށާ، މަސްރަހު ފެނިގެންދަނީ ހެޔޮކޮށް ކަމަށެވެ. ނަމަވެސް މިކަމާ މެދު މާ ބޮޑަށް އިތުބާރު ވަރުގަދަ ނުކުރުމަށްވެސް ޑރ ފައޫޗީ ވަނީ އިންޒާރު ކުރައްވާފައެވެ.

ކަން މިހެން ނަމަވެސް ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަން ނިމި، ވަކި ސަރަހައްދުތަކެއްގައި ފެތުރޭ ބައްޔަކަށް މި ބަލި ވެދާނެ ކަމަށް ކަނޑައަޅަން އަދި މާ އަވަސް ކަމަށާ، އިތުރު ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ޑރ ކްލޫގެ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވުމަށް ފަހު މިހާރު ދަށް ވާން ފަށާފައި ވީ ނަމަވެސް، ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ އިތުރު ވަމުންނެވެ.