ށ. ކޮމަންޑޫ ދާއިރާ ތަމްސީލު ކުރެއްވި ހުސެއިން ވަހީދު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ވަނީ ކުޑަތަން ވެފައެވެ. އިންތިހާބާ ދިމާކޮށް އެ ދާއިރާއަށް ބަޖެޓުން ބޭރުން ބޮޑެތި މަޝްރޫއުތައް އުފަން ކޮށްފައި ވާއިރު، ހުއްޓިފައިވާ މަސައްކަތްތައްވެސް ކުއްލިއަކަށް ފެށުން ވެގެން ދިޔައީ ދާއިރާއާއި ދާއިރާއިން ބޭރުގެ އެތައްބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކަށެވެ. އެކަމާ އިދިކޮޅުގެ ފަރާތްތަކުން ފާޑުކިޔަމުން އަންނައިރު އެހެން ދާއިރާތަކުގެ ރައްޔިތުން އަންނަނީ އެ ދާއިރާތަކުގެ މެންބަރު، ރައްޔިތުންގެ ހައްގުގައި އިސްތިއުފާދީ ބައި އިލެކްޝަނެއް ބާއްވަން ގޮވާލަމުންނެވެ. އިންތިހާބުގެ ނަތީޖާއަށް ވާނެގޮތެއް ނޭނގުނަސް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި މުހައްމަދު ރާޝިދު ވާދަކުރައްވާ ކަން ލިޔެކިޔުންތަކުން ދައްކައެވެ.

އިންތިހާބަށް 12 ވަރަކަށް ދުވަހަށް ވެފައި ވާއިރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީއިންނާއި އިދިކޮޅުން، މީގެ ކުރިން ބައި އިލެކްޝަންއެއްގައި ނުވާ ވަރަށް ގުރުބާނީތައް ވަމުން އަންނައިރު، ކޮމަންޑޫގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ދެ ކޮންޑޫ ގުޅާލުމެވެ. ކޮންމެ ކެމްޕޭނެއްގައި އެ ވައުދަކީ އެމްޑީޕީގެ "ޖޯކަކަށް" ވެފައި އޮއްވާ އެ މަޝްރޫވެސް ވަނީ ބަޖެޓުން ބޭރުން ދާދި ފަހުން ފަށާފައެވެ. އޭގެ އިތުރުން ކޮމަންޑޫގައި ފުޓުބޯޅަ ދަނޑެއް ހެދުމާއި ފޯކައިދޫގައި ހުއްޓިފައި ވާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ކޮމަންޑޫ ކައިރީގައި އޮތް 3 ރަށެއްގައި ރިސޯޓު ހަދަން އިއުލާން ކުރުން ފަދަ މާ ސިންގާ މަޝްރޫއުތައް ފައްޗަކަށް އިއުލާން ކޮށްފިއެވެ.

ވެރިކަމުގައި ނެތެއް ކަމަކު ޕީޕީއެމްއިންވެސް ދުލެއް ނުދެއެވެ. ޕީޕީއެމް ވެރިކަމެއްގައި އެއާޕޯޓެއް އަޅައިދިނުމަށް ރައީސް ޔާމީން ވައުދުވެވަޑައިގަތީ ދިގުވެލިދޫ ގައެވެ. އޭގެ އިތުރުންވެސް ގިނަ އުންމީދުތަކެއް ޕީޕީއެމް އިންވެސް ދިނެވެ.

ކޮމަންޑޫ އިންތިހާބާ ދިމާކޮށް އެ ދާއިރާގެ ތެރެއިން ސިޔާސީ 18 މަގާމެއް އުފައްދައިފި ކަމަށާއި އެ ދާއިރާގެ ފެނަކަ ކޯޕަރޭޝަންއިން ބަޔަކަށް ވަޒީފާތަކެއް ދީ މަޖުބޫރުކޮށް ކެމްޕެއިން ހަރަކާތުގައި ބައިވެރިކުރާ ކަމުގެ ޝަކުވާތައްވެސް ދަނީ ލިބެމުންނެވެ.

ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމަށް ރާވާފައިވާ ގޮތް / ފޮޓޯ: ކޮމަންޑޫ ކައުންސިލް

ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން، މެދުކެނޑުމެންނެތި އެ ދާއިރާގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަމުން ގެންދެވި ނަމަވެސް ދާއިރާގެ މޫނުމަތިން ދޭ މެސެޖު ތަފާތެވެ. ދާދި ފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މަރޮށްޓަށް ވަޑައިގަތުމުން ލައްޕަން ނިކުތީ 10 ވަރަކަށް މީހުންނެވެ. ރައީސް ނަޝީދު ކޮމަންޑުއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ކިޔުމަށް ބަނދަރަށް ނުކުތް ނަމަވެސް، އެ ދުވަހު އެކި ރަށްރަށުން 15 ލޯންޗުގައި ސަޕޯޓަރުން ދިޔަ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. އެހެންނަމަވެސް ނަޝީދު މަރޮއްޓަށް ވަޑައިގެންނެވި އިރު ބަނދަރުމަތިން އެމަނިކުފާނަށް މަރުހަބާ ދަންނަވަން މުޅި އެކު ތިބީ 29 މީހުންނެވެ.

މިދިޔަ 13 އަހަރު ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ހިފަހައްޓަމުން ދިޔަ އިރު މިފަދަ ބަދަލެއް ފެނުމަކީ ދާއިރާއިން ދޭ މެސެޖު ސާފުވާ ކަމެކެވެ.

ރައީސް ނަޝީދަށް މަރޮށިން މަރުހަބާކިޔަން ނިކުތް މީހުން/ ފޮޓޯ: އެމްޑީޕީ

ރާޝިދުގެ ރަށް ކަމަށް ވާ، އެ ދާއިރާގެ ފޯކައިދޫ އިން ގިނަ އަދަދެއްގެ އެމްޑީޕީ ޒުވާނުން ޕީޕީއެމްއާ ގުޅިފައި ވާއިރު އެ ރަށުގައި އެ ޕާޓީގެ ކެންޑިޑޭޓު މޫސާ ފަތުހީ އާދަމްގެ ކެމްޕެއިން އަންނަނީ ފޯރީގައި ކުރަމުންވެ. އިދިކޮޅުގެ މަޖިލީސް މެންބަރުންނާއި ޕާޓީގެ އިސްވެރިން ކެމްޕެއިންގައި ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާ އިރު، އެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ފަތުހީ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް އެ ދާއިރާގެ ރަށްތަކަށް ވަޑައިގެންފައެވެ.

ފޯކައިދޫއިން ޕީޕީއެމްއާ ގުޅުނު ޒުވާނުން/ ޕޮޓޯ: ޕީޕީއެމް

ރާޝިދުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން އެ ދާއިރާގެ ރަށްތަކަށް ވަޑައިގެންފައި ވާއިރު، ރައީސް ސޯލިހު ބައިވެރިވެވަޑައިގެން ރާޝިދުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރާޝިދު ވަނީ، ކޮމަންޑޫ ދާއިރާއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އަޅާނުލާ ދޫކޮށްލާ، ބޮޑެތި އިހުމާލުތަކެއް ވެފައިވާ ދާއިރާއެއް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ މިދާއިރާއަކީ އަޅުގަނޑުމެންގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ހާއްސަ ޒައާމަތުގައި ވަރަށް ބޮޑަށް ދޫކޮށްލައިފާ އޮތް ދާއިރާއެއް، އެއްވެސް އަޅާލުމެއްނެތި ބަލާލުމެއްނެތި ބޮޑެތި އިހުމާލުތަކެއް މި ސަރުކާރުންވެފައިވާ ދާއިރާއެއް"
ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓޫ މުހައްމަދު ރާޝިދު
https://fb.watch/aumvSWm9zm/

ރާޝިދުގެ އެވާހަކައިގެ ބޭނުމަކީ، ދާއިރާގެ ރައްޔިތުންގެ ޝުއޫރު ރައީސްގެ ކަންފަތްޕުޅާ ހަމައަށް ގެންދެވުން ކަމުގައި ވާނަމަ އެކަން ފުރިހަމަ ވެއްޖެއެވެ. މިހާރު ކޮމަންޑޫ ދާއިރާއަކީ "ގާތްގަނޑަކަށް ސިޓީއެއް" ކަމަށް ބައެއް މީހުން ބުނަނީ ރާޝިދު އެ ދެއްކެވި ވާހަކައިގެ މުގާބިލުގައި ސަރުކާރުގެ މަޝްރޫއުތައް އެދާއިރާއަށް އޮއްސާލައްވައި ވައުދު ފުއްދަވާތީއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގެ އަަޑުތައް ވައިގާ ހިފައިފާ ވާއިރު ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ފާޓީ، އެމްއެންޕީ އިން ކެންޑިޑޭޓެއް ނެރުމުން، ސަރުކާރާއި އިދިކޮޅުންވެސް ސިފަކުރަނީ އެއީ ރޭވުމެއް ކަމަށާއި ވޯޓު ބައިބައިކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށެވެ. އެ ޕާޓީއިން ނެރެފައި ހުރި އަބްދުލްހަންނާން އިދުރީސްގެ ކެމްޕެއިން ހަރަކާތްތައްވެސް ފޯރިއާއެކު ކުރިއަށް ދާއިރު ވައުދު ލިސްޓެއް ވެސް ވަނީ ނެރެފައެވެ.

ހަންނާނުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: އެމްއެންޕީ

ފޯކައިދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް އެމްޑީޕީން ކެމްޕެއިން ޖަލްސާއެއް ބާއްވައިފައި ވާއިރު، ރޭ ވަނީ ކޮމަންޑޫގައި ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރައްވާ އެ ދަތުރުގައި ފެނިވަޑައިގަންނަވަނީ އެމްޑީޕީގެ ސިޔާސަތު ބަލައިގަންނަތަން ކަމަށާއި އެމްޑީޕީއަކީ ރައްޔިތުންނަށްޓަކައި އެންމެ ބޮޑު ގުރުބާނީއެއް ވެ މަސައްކަތް ކޮށްދިން ސިޔާސީ ޕާޓީ ކަމަށެވެ.

ރޭގެ ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ/ ފޮޓޯ: އެމްޑީޕީ

އަހުމަދު ވިދާޅުވީ ކުރިއަށް އޮތް 12 ދުވަހު ކެމްޕެއިން ސްޕީޑު ދާނީ ހިފެހެއްޓުމެއް ނެތި ބާރަށް ކުރިއަށް ކަމަށާއި، ހުރިހާ ދޮރުތައް ބަންދުކުރަން ނިކުމެ ހުރި ކެނޑިޑޭޓަކީ އިދިކޮޅު ކެނޑިޑޭޓު ކަމަށާއި އެހެންކަމުން ކޮމަންޑޫ އަދި ކޮމަންޑޫ ދާއިރާގެ އެއްވެސް ރަށަކުން ވޯޓު ނުދޭނެ ކަމީ ހިތުގައި ޝައްކު އުފެދޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް އަހުމަދުގެ ވާހަކަ ނިންމަވާލައްވަމުން ވަނީ އެ އިންތިހާބު ނިންމާލާނީ ބޮޑު ތަފާތަކުން ރާޝިދު (އެމްޑީޕީ ކެންޑިޑޭޓް) ބަލިކޮށްފައި ކަމަށް ވިދާޅުވެފައެވެ.

" އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނީ ބޮޑުތަނުން، އިރާދަކުރެއްވިއްޔާ 5 ފެބުރުއަރީ ދުވަހު ހެނދުނު އިރުއަރާގޮތަށް ވޯޓުލާން ފަށާގޮތަށް އަޅުގަނޑުމެން ރާޝިދު އިރާދަކުރިއްޔާ ބޮޑު ތަފާތަކުން ބަލިކޮށްފަ މި އިންތިހާބު ނިންމާލާނީ"
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ

މިކަމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން އެމްޑީޕީއާއި އަހުމަދަށް އަމާޒުވަމުން ދާއިރު، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ އެމްޕީ ވިދާޅުވީ ވަރަށް ބޮޑު ތެދެއް ކަމަށާއި އެކަމާ އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރާޝިދުގެ ކެމްޕެއިން ޖަލްސާތައް ކުރިއަށް ދަނީ ކެމްޕެއިން ޖަލްސާއަކަށް ވުރެ ބޮޑަށް ރައީސް ޔާމީން ޕްރޮމޯޓުކުރަން ކަމަށް އިދިކޮޅުން ސިފަކުރަމުން އަންނައިރު އެ ޖަލްސާތަކުގައި އެ ޕާޓީގެ އިސްވެރިން މައިގަނޑު ގޮތެއްގައި ދައްކަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ވާހަކައާއި އެ މަނިކުފާނުގެ "މުޅި ގައިގައި އިންޑިޔާ އައުޓް" ޖައްސަވައިގެން އުޅުއްވާ ވާހަކަތައް ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ޖަލަށް ލާން ގޮވުމަކީވެސް ރާޝިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ގަދަވެފައިވާ އަޑެކެވެ.

ރާޝިދު ކެމްޕެއިންގައި މަރޮށްޓަށް ވަޑައިގަތުމުން ސަޕޯޓަރުން އޭނާގެ ކަރުގައި މާފަތި އަޅުވާފައި / ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރާ ކަމަށް އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ފާޓީ އަދި ޖުމްހޫރީ ޕާޓީއިން އިއުލާނު ކޮށްފައި ވާއިރު ރައީސް މައުމޫންގެ އެމްއާރްއެމް އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެމްއާރްއެމް އިން ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުންންނާއި އެ ކެނޑިޑޭޓުން ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީތަކާއި އެ ކެނޑިޑޭޓުންނަށް ކެންޕެއިން ކުރާ ފަރާތްތަކުންވެސް އިންތިހާބާ ބެހޭ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާ ހިލާފު ނުވާނޭހެން ކެންޕެއިން ކުރުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ގޮވާލާފައެވެ. އަދި އިންތިހާބުގައި ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯ ނުލަނބައި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އަމިއްލަ އިހްތިޔާރުގައި ވޯޓު ލުމުގެ ހައްގު އަމާނާތްތެރިކަމާ އެކު ބޭނުން ކުރުމަށް ގޮވާލާފައެވެ. ޖުމްހޫރީ ޕާޓީއިން ރާޝިދަށް ތާއީދު ކޮށްފައި ވާއިރު، ރާޝިދުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެ ދާއިރާއަށް މާދަމާ ވަޑައިގަތުމަށް ވަނީ ނިންމާފައެވެ.

ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީ ދާއިރާއަކަށް ވާއިރު، މި ބައި އިލެކްޝަން އިދިކޮޅަށް ކާމިޔާބު ވެއްޖެ ނަމަ އިދިކޮޅުން އެއީ ރައީސް ޔާމީނާއި އިދިކޮޅާ ދެމެދުގެ އިމްތިހާނުގެ ނިމުމެވެ. އަދި 2023 ގެ ނަތީޖާ ބޮޑުތަނުން ސާފުވެގެން ދާނެ ކަމެއްވެސް މެއެވެ.