ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ނަތީޖާ ލިބުން އަވަސް ކުރުމަށް ބަލީގެ އަލާމާތް ހުންނަ މީހުންނަށް އެންޓިޖެން ކޮވިޑް ޓެސްޓް ހެދޭ ގޮތަށް ވެކްސިން ސެންޓަރުތަކުގައި ވަކި ސްޓޭޝަންތަކެއް ހަދައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ވަގުތުން ނަތީޖާ ލިބޭ އެންޓިޖެން ޓެސްޓް މިހާރު ކޮވިޑް ޓެސްޓު ހަދާ ބައެއް ސެންޓަރުތަކުން ހެދޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެ ގޮތުން ސޯޝަލް ސެންޓަރާއި ސެނަހިޔާ އާއި ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ގާއިމު ކޮށްފައިވާ ސާމްޕަލް ސެންޓަރުން އެންޓިޖެންޓް ޓެސްޓު ހެދޭނެއެވެ.

ވަގުތުން ނަތީޖާ ލިބޭ އެންޓިޖެން ޓެސްޓު ހަދަނީ، ސާމްޕަލް ނަގަން ދާއިރު އެމީހެއްގެ ކިބައިން ބަލީރެ އަލާމާތްތައް ފެންނަން ހުންނަ މީހުންގެ އެކަންޏެވެ. މިޓެސްޓަކީ 15 މިނެޓުން ނަތީޖާ ލިބޭ ޓެސްޓެކެވެ. ކުޑަ ޓެސްޓު ކިޓެއް ބޭނުންކޮށްގެން މި ޓެސްޓު ހަދަނީ، ކިޓްގައި އޮންނަ ކަފަބޫރަކުން ނޭފަތުން ނަގާ ސާމްޕަލުންނެވެ. ނުވަތަ އަނގައިން ނަގާ ސާމްޕަލުންނެވެ. މި ޓެސްޓަކީ ސާމްޕަލް، ލެބަށް ފޮނުވަން ނުޖެހި ތިބިތާ ތިބެގެން ވަގުތުން ހެދޭ ޓެސްޓެކެވެ.

މި ޓެސްޓު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަންނަނީ ހަދަމުންނެވެ. ރާއްޖޭގައި މި ޓެސްޓު ހަދާތާ ވެސް ވަނީ ދުވަސްކޮޅެއް ވެފައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޕީއޭ އިން ބުނީ، އެންޓިޖެން ޓެސްޓު ކޮވިޑް ފެތުރެމުން އަންނަ މާލެ ސަރަހައްދުގެ އިތުރުން ކޮވިޑް ފެތުރޭ ރަށްރަށުގައި ވެސް ހަދަމުން އަންނަ ކަމަށެވެ. އެ ޓެސްޓު ހަދަނީ ހަމައެކަނި ބަލީގެ އަލާމާތް ހުންނަ މީހުންގެ އެކަންޏެވެ.

މިހާރު ތިން ސަރަހައްދަކުން މި ޓެސްޓު ހެދޭނެ ކަމަށް ސަރުކާރުން ބުނާ އިރު މާދަމާ މާޅޭގެ އިތުރު ދެ ސެންޓަރަކުން އެންޓިޖެން ޓެސްޓު ހެދޭނެއެވެ. ހަމައެއާއެކު ހުޅުމާލެ ފޭސް 2 ގައި ވެސް އެންޓިޖެން ޓެސްޓު ހެދޭނެ ތަނެއް ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނެއެވެ.