މި ހިނގާ 2022 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް "ބޮޑު ލޯނެއް" ހަމަޖެހޭ ގޮތް ނުވެއްޖެނަމަ، ދުވާލަކު 4 ގަޑިއިރު ވަންދެންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު، ސްރީލަންކާގެ އެނާޖީ މިނިސްޓަރު، އުދައްޔާ ގައްމަންޕިލާ ދެއްވައިފިއެވެ.

އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހި، ބޭރު ފައިސާ ލިބުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެ، ޑޮލަރު ނުލިބި، ސްރީލަންކާގެ ފޮރިން އެކްސްޗޭންކު ރިޒާވް ވަނީ ތަދު އެއްޗަކަށް ވެފައެވެ. މިއާއެކު، ސްރީލަންކާ ފައިސާގެ އަގު އިންތިހާއަށް ދަށަށް ގޮސް، ގައުމަށް މުދާ އިމްޕޯޓް ކުރުމަށްވެސް ބޮޑު ހޭދަ އެއް ކުރަން ޖެހިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ޒަރޫރީ ހިދުމަތްތަކާ މުދާ ލިބުމުގައި ލަންކާއަށް ގޮންޖެހުންތައް ކުރިމަތިވެފައި ވާއިރު، އޭގެ ތެރޭގައި ހަކަތައިގެ ސަޕްލައިވެސް ހިމެނެއެވެ. ދައުލަތުން ހިންގާ ހަކަތައިގެ ޔުނިޓްތަކުގެ ޓާބައިންތައް ހިންގޭނެ ގޮތެއް ނެތި، އެންމެ ޕީކް ގަޑިތަކުގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް، ލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް ވަނީ މަޖުބޫރު ވެފައެވެ.

ގައްމަންޕިލާ ވިދާޅުވީ، މިމޭރުމުން ބައެއް ކަންކަން ގުރުބާން ކުރަން ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ. އަދި މިކަމުގައި މިސާލު ދެއްކެވުމަށް، އޭނާ ވަނީ ދައުލަތުގެ ސިޔާސީ ޝަހްސުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ގައްމަންޕިލާ ވިދާޅުވީ މިއަދު އެ ގައުމުގެ ފޮރިން ރިޒާވްގައި ހުރި މަދު މިންވަރު ބޭނުން ކޮށްގެން، އޭޕްރިލް މަހުގެ މޫސުމީ ވިއްސާރަ އަންނަން ދެން ހަކަތަ އިމްޕޯޓް ކުރަން ޖެހޭ ކަމަށެވެ.

ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމުގައި ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. މައިގަނޑު އެއް ސަބަބެއް ކަމަށް ބުނަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ހީނަރުވުމެވެ. އިތުރު ސަބަބުތަކުގެ ތެރޭގައި ސަރުކާރުގެ ހަރަދުތައް އިތުރުވުމާ، ޓެކްސް ރޭޓް ދަށް ކުރުމާ، ޗައިނާއަށް ދަރާފައި ވާ ބޮޑު ދަރަނި ހިމެނެއެވެ.

އެތެރެއާ ބޭރުގެ ލޯނުތަކާ ބޮންޑުތައް އަދާ ކުރުމަށް، ސްރީލަންކާގެ ސަރުކާރުން އިތުރަށް ފައިސާ ޗާޕް ކުރި ފަހުން، އެ ގައުމުގެ އިންފްލޭޝަން ރޭޓް، ނުވަތަ ބާޒާރުގައި ތަކެތީގެ އަގު އުފުލޭ މިންވަރުވެސް ދަނީ އިތުރު ވަމުންނެވެ.

ވޯލްޑް ބޭންކުގެ އަންދާޒާތަކަށް ބަލާއިރު، ކޮވިޑް-19ގެ ބަލިމަޑުކަން ފެށިފަހުން 5 ލައްކައެއްހާ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަނީ އިންތިހާ ފަގީރު ކަމުގެ ބޯޑަރު ހުރަސްކޮށްފައެވެ. މިއީ އިންތިހާ ފަގީރު ކަމާ ދެކޮޅަށް ފާއިތުވީ 5 އަހަރު ދުވަހުގެ ތެރޭގައި ހޯދި ކާމިޔާބީއާ އެއްވަރުގެ އަދަދެއްކަން ފާހަގަ ކުރަން ޖެހެއެވެ.