ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކާ، އަފްގާނިސްތާނުގެ މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންނާއެކު، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ ވަފުދަކުން، އޮސްލޯގައި ފަށައިފިއެވެ.

އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާން ޖަމާއަތުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުރީ، ހާރިޖީ ވަޒީރު ކަމުގެ މަގާމުގައި ހުރި އާމިރު ހާން މުއްތަގީއެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ގެންދާ ސިއްރު މަޝްވަރާތަކުގައި، އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާ، އިންސާނީ ހައްގުތަކުގެ ޑިފެންޑަރުންނާވެސް ތޯލިބާނުންގެ ވަފުދުން މަޝްވަރާ ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅަނގުގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރުމަށް ނޯވޭއަށް ދަތުރުކުރި ތޯލިބާނުންގެ ވަފުދުގެ ބައެއް މެންބަރުން / ފޮޓޯ: އަލްޖަޒީރާ

މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތޯލިބާނުންނަށް ޕްރެޝަރު ކުރުމަށް ހުޅަނގުން ބޭނުން ކުރަމުންދާ "ހަތިޔާރަކީ"، މައިގަނޑު ގޮތެއްގައި އެމެރިކާގައި ފްރީޒްކޮށްފައި ވާ އަފްގާނިސްތާނުގެ، 10 ބިލިއަނެއްހާ ޑޮލަރު ކަމަށް ގަބޫލު ކުރެވެއެވެ.

މި ފައިސާއަކީ އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ އަފްގާނިސްތާނުގެ ސިވިލް ސާވަންޓުންނަށް މުސާރަ ހަމަޖައްސާދިނުމަށް މުހިންމު އެއްޗެކެވެ.

ހުޅަނގުގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރުމަށް ނޯވޭއަށް ދަތުރުކުރި ތޯލިބާނުންގެ ވަފުދުގެ ބައެއް މެންބަރުން / ފޮޓޯ: އަލްޖަޒީރާ

މަޝްވަރާތައް އަމާޒު ކުރެވިގެން ދާނެ ދާއިރާތަކުގެ ތެރޭގައި އަންހެނުންގެ ހައްގުތަކާ، އަންހެން ކުދިންގެ ތައުލީމާ، މަދަނީ މިނިވަން ކަމާ ގުޅިގެން ތޯލިބާނުން ވީ ވައުދުތަތައް ހިމެނޭނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ލަފާ ކުރެއެވެ.

އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން ތޯލިބާނުން ވިލާތަށް ކުރަމުންދާ ފުރަތަމ ދަތުރުގައި، ނޯވޭގެ އޮފިޝަލުންގެ އިތުރުން، އެމެރިކާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި ވިލާތުގެ އިއްތިހާދުގެ މަންދޫބުންނާވެސް ބައްދަލު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ތޯލިބާނުންގެ ތަރުޖަމާނެއްގެ ގޮތުގައި ހަރަކާތްތެރިވާ ޒަބީއުއްލޯ މައްސޫދުވެސް ވަނީ މިފަދަ އިޝާރާތެއް ކޮށްފައެވެ.