2021 ވަނަ އަހަރު ނިމެން ދަނިކޮށް ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ދެނެގަތް އޮމިކްރޯންގެ ސަބްވޭރިއަންޓަށް، ސައެންސްވެރިންގެ ހާއްސަ ސަމާލުކަމެއް ދޭން ފަށައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެކޯޑް އަދަދުތަކުން ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ އޮމިކްރޯން ވޭރިއަންޓް ކަމުގައި ވާއިރު، އޮމިކްރޯންގެ ސަބްވޭރިއަންޓް (ބީއޭ.2) އަކީ ޔޫކޭ ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެޗްއެސްއޭ) އިން އިތުރު ތަހުލީލުތައް ކުރަމުން އަންނަ ވާޝަންއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ބީއޭ.2ގެ އެތައް ސަތޭކަ ކޭހެއް މިހާރުވެސް އިނގިރޭސިވިލާތުން ދެނެގެންފައި ވާ ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ކޭސް ލޯޑަށް ބަލާއިރު، އަދިވެސް ގިނައީ އޮމިކްރޯންގެ އަސްލު ވާޝަންގެ ކޭސްތަކެވެ.
އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ވައިރަހުގެ ޖީންއަށް އަންނަ ބަދަލުތައް އަދި މުޅިން ކަށަވަރު ނުވާތީ، މި ވާޝަން އޮތީ ސާވޭލަންސް ދަރަޖައިގައި ކަމަށެވެ.
އޮމިކްރޯންގެ ސަބްވޭރިއަންޓާ ގުޅިގެން އެންމެ ހައިރާން ވާން ޖެހޭ ސަބަބަކީ، މި ވާޝަން ފެތުރިގެންދާ ހަލުވި މިން ކަމަށް، ފަރަންސޭސި އެޕިޑެމިއޮލޮޖިސްޓް، އެންޓޮއިން ފްލަހޯލްޓް ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ވިދާޅުވެފައެވެ.
ބީއޭ.2 އަކީ ކަންބޮޑު ވާން ޖެހޭ ދަރަޖައިގެ ވޭރިއަންޓެއް ކަމުގައި އަދި ކަނޑައަޅާފައި ނުވި ނަމަވެސް، ގައުމުތަކުން މި ވާޝަންއަށް ސަމާލުވުމަށްވެސް ފްލަހޯލްޓް ވަނީ ގޮވާލައްވާފައެވެ.