އއ. މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ހާޑް ސްޓާރާޓާ (ހަރު އާނުގަނޑު) ނަގާއިރު އަންނަ ބާރުގަދަ ގޮވުންތަކުން ސަލާމަތްވުމަށްޓަކައި ބޮޑެތި މެޝިނަރީޒް އެ ކުންފުނިން ބޭނުން ކުރަމުން އަންނަކަމަށެވެ.

މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި ހިމެނެއެވެ.

މީގެ އިތުރުން 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތް އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.