ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން އަދާ ޖެހުނުއިރުވެސް ދުނިޔެއަށް އަރައިގަނެވިފައި ނުވި ނަމަވެސް، ގައުމުތަކުން ދަނީ ދިރިއުޅުން އާރާސްތު ކުރުމަށް އެކި ފިޔަވަޅުތައް އަޅާ، މަސައްކަތްތައް ކުރަމުންނެވެ. މިކަން ކުރަމުން ދަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ގޮންޖެހުންތަކާ އެކުގައިވެސްމެއެވެ.

ތަރައްގީއަށް އެންމެ ބޮޑެތި ގޮންޖެހުންތައް ގިރާ ކޮށް، އެ ކަންކަމަށް އަހުލުވެރިވެ، ދިރިއުޅުން ނެގެހެއްޓުމަށްޓަކާ، އުފެއްދުންތެރި އުސޫލުތަކެއް ހިޔާރު ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. މި އަމާޒާއެކު ވޯލްޑް ބޭންކުން ދަނީ، ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާ ސަރުކާރާއެކު މަޝްވަރާތަކެއް ކުރަމުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މައިގަނޑު އަމާޒަކީ، ޑިޖިޓަލް ޓެކްނޮލޮޖީއަށް ފުރުސަތު ފަހިކުރުމެވެ. އަދި ތަރައްގީއަކީ ހުރިހާ ފަރާތެއް ޝާމިލުވާ، ގޮންޖެހުންތަކަށް އަހުލުވެރި، "ފެހި" ތަރައްގީ އަކަށް ހެދުމެވެ.

ވޯލްޑް ބޭންކުން ހަބަރު ދޭ ގޮތުގައި، މި ފިކުރުގައި އެ ޖަމިއްޔާގެ ރާއްޖޭގެ މިސްރާބު ކަނޑައަޅާފައި ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމާ ދިމާއަށެވެ. ހަމަ މިއާއެކު، މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިމުން ބޭރަށް، އިގުތިސޯދު ފުޅާ ކުރުމާ، ތޮއްޖެހިފައި ވާ މާލެއިން ބޭރަށް ހިދުމަތައް ފަހިކޮށް، ލާ މަރުކަޒު ކުރުމާ ދިމާއަށެވެ. މި ހުރިހާ ކަމެއް ގުޅެނީ ޑިޖިޓަލް އާލާތްތަކާ ކަން ވޯލްޑް ބޭންކުން ފާހަގަ ކުރެއެވެ.

ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރަމުން ދަނީ ބައިނަލްއަގުވާމީ އިންޓަނެޓް ވިއުގާގެ ތެރެއިން ގައުމުގެ (މުއާސަލާތީ) ގުޅުން ނުވަތަ ކަނެކްޓިވިޓީ ވަރުގަދަކޮށް، ރާއްޖޭގެ ގިނަ ރަށްތަކަށް، ހެޔޮ އަގުގައި ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ފަހި ކޮށްދިނުމާ ގުޅޭ ގޮތުން ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި، ރާއްޖޭގެ އާބާދީގެ 3 ބައިކުޅަ 1 މީހުން އަދިވެސް ދިރިއުޅެމުން ދަނީ އެ ފަދަ ހިދުމަތުން މަހްރޫމް ވެފައިވާ ހާލުގައެވެ. މިއާއެކު، އޮންލައިން ޕްލެޓްފޯމުން އިލްމު ހާސިލު ކުރުމާއި، ޓެލެމެޑެސިން ފަދަ ހިދުމަތްތަކުން ބަޔަކު މަހްރޫމުވެފައި ވާ ކަންވެސް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.

ކަނެކްޓިވިޓީގެ ގޮތުން ހުރި ގޮންޖެހުންތަކުގެ ސަބަބުން، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކާ، ގޮނޑުދޮށްތަކަށް އަންނަ ބަދަލުގެ އިތުރުން މޫސުމަށް އަންނަ ކައިރި މުސްތަގުބަލުގެ ބަދަލު ނުވަތަ ވެދާ ޕެޓާންސް، އެންމެ ފުރިހަމަ ގޮތުގައި ދެމެގަތުމަށްވެސް ރާއްޖެއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި ވާ ކަން ވޯލްޑް ބޭންކުގެ ޑައިރެކްޓާ އޮފް މޯލްޑިވްސް، ނޭޕާލް އެންޑް ސްރީލަންކާ، ފާރިސް ހަދާދް-ޒާވޯސް އަދި ރީޖަނަލް ޑައިރެކްޓާ އޮފް އިންފްރާސްޓްރަކްޗާ އިން ސައުތު އޭޝިއާ، ގުއާންޝީ ޗެން ވަނީ ފާހަގަ ކުރައްވާފައެވެ.

ތަފާސް ހިސާބުތައް ހޯދާ ލިބިގަތުމާ، ފަސޭހަކަމާއެކު ނެޓްވޯކްތަކުގެ ހިދުމަތް ލިބުމަކީ ސިޔާސަތުތައް އެކުލަވާލާ، ތަންފީޒު ކުރުމުގައި ރާއްޖެއަށް ލިބިގެންދާނެ ލުއި ފަސޭހަ ކަމެއްކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެގޮތުން ދަނޑުވެރިންގެ އުފެއްދުންތައް ނުވަތަ ކާބޯތަކަތީގެ ސިނާއަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީވެދިނުން ފަދަ ކަންކަން ފަސޭހަ ވެގެންދާނެ ކަން ވޯލްޑް ބޭންކުގެ އޮފިޝަލުން ވަނީ ފާހަގަ ކުރައްވާފައެވެ.

ވޯލްޑް ބޭންކުން ސްރީލަންކާއާއެކު މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ނިޒާމްތަކަކީ އަހުލުވެރި ނިޒާމްތަކަކަށް ހެދުމަށް ކަމަށް ވާއިރު، ނޭޕާލްގެ ސަރުކާރާއެކު މަސައްކަތް ކުރަމުން ދަނީ، ހުރިހާ އެންމެންގެ ޝާމިލުވުން އެކުލެވޭ ޑިޖިޓަލް އިގުތިސޯދެއް އުފެއްދުމަށް ކަމަށް އެ ޖަމިއްޔާއިން ހަބަރު ދެއެވެ.