ގދ. ކާޑެއްދޫ އެއާޕޯޓް ޖެޓީ ވެއްޓި ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ސާވޭގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ގދ. ކާޑެއްދޫ އެއާޕޯޓް ޖެޓީ ވެއްޓުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން އެދާއިރާގެ ގިނަ ރައްޔިތުން ފާޅުކުރަމުން ދާއިރު، ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވަނީ، ބައި އިލެކްޝަނެއް ނެތަސް ކާޑެއްދޫގެ މަސައްކަތް އަވަސް ކޮއްދެވުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެވެ.
ފައިހަތު ވިދާޅުވީ ކާޑެއްދޫ ޖެޓީ ވެއްޓި ބަޔަކަށް އަނިޔާ ނުލިބުނު ކަމީ ނަސީބެއް ކަމަށާއި މިފަދަ ބޮޑެތި ކަންކަން ހައްލު ކުރުމުގައި ރައްޔިތުންނާ މެދު ފަރުވާކުޑަ ނުކުރުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ކާޑެއްދޫ ޖެޓީން ގާތްގަނޑަކަށް 100 އެއްހާ މީޓަރުގެ ބައެއް ވެއްޓިފައި ވާއިރު ޖެޓީ ވެއްޓި ލިބިފައިވާ ގެއްލުންތައް ދިރާސާކޮށް، ކުރަންޖެހޭ މަސައްކަތް އެމްޓީސީސީން ކުރަމުން ދާ ކަމަށް ސީއީއޯ އާދަމް އާޒިމްވެސް ވަނީ ވިދާޅުވެފައެވެ.
ކާޑެއްދޫ އެއާޕޯޓަކީ ވިލާ ކުންފުނިން ހިންގަމުންދާ އެއާޕޯޓެކެވެ. އަދި އެ އެއާޕޯޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އާއްމުން ބޭނުން ކުރަމުން އަންނަ އެއާޕޯޓެކެވެ.
ކާޑެއްދޫގެ ބަނދަރު އަލުން މަރާމާތުކުރުމަށް ބޭނުންވާ ދިރާސާ އެއް ހެދުމަށް މިދިޔަ އަހަރު އެމްއާރުޑީސީއާ އާ ހަވާލުވެސް ކުރިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި އޮތް ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ނިންމުމާ އެކު މަރާމާތުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.