ރައީސް ސޯލިހުގެ ސަރުކާރުގެ ތަސައްވުރަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން އެއްވެސް ތަފާތުކުރުމެއް ނެތި ޕްރޮފެޝަނަލްކޮށް އަދި ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ހިދުމަތެއް ފޯރުކޮށްދިނުންކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިއާ މިފަދައިން ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އައްޑޫ ސިޓީގައި ބިނާކުރާ ސައުތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމަށް އިއްޔެ ހަވީރު ސ. ހިތަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މާރިއާ ވިދާޅުވީ ކޮވިޑް 19ގެ ދަތި އުނދަގޫ ހާލަތުގައި ވެސް ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި ޒަމާނުއްސުރެ ވަރަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިން އެތަނަކަށް ނިސްބަތްވާ އައްޑޫ ސިޓީގައި ކަސްޓަމްސްގެ އޮފީހެއް ހުޅުވިގެން ދާކަމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫ ސިޓީއާމެދު ގެންގުޅުއްވާ ގާތްކަމާއި ވަރުގަދަ ތަސައްވުރު ހާމަވާ ކަމެއް ކަމަށެވެ.

މުސްތަޤްބަލުގައި ކަސްޓަމްސްގެ އައްޑޫ ރީޖަނަލް ހެޑް އޮފީހުގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓުގެ ހިދުމަތް ލިބިގަންނަ އެންމެހާ ވިޔަފާރިވެރިންގެ އިތުރުން ހިދުމަތް ހޯދާ ރައްޔިތުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މާރިއާ ވަނީ ފާހަގަ ކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މާރިއާގެ އިތުރުން، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ކައުންސިލަރުންނާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދު ﷲ ޝަރީފާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދު ﷲ ޝަމާލާއި ކަސްޓަމްސްގެ އިސްވެރިންނާއި ކަސްޓަމްސް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.