ރައީސް އޮފީސް ގޮއްވާލާނެ ކަމަށް އިންޒާރުދިން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

އެ މައްސަލާގައި މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި ވަނީ، އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، އެ ފިރިހެން މީހާ ވަނީ ރައީސް އޮފީސް ކައިރިއަށް ގޮސް، އެތެރޭގައި ތިބި ވެރިން ބޭރަށް ނުނިކުތުމަށާއި، އެ ތަން ގޮއްވާލާނެ ކަމުގެ އިންޒާރު، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނަށް ދީފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފައެވެ.

އެ މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް އޮފީސް ގޮއްވާލާނެ ކަމަށް މީހަކު މިދިޔަ ބުދަ ދުވަހު އިންޒާރުދީފައިވާއިރު، މިދިޔަ މޭ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ބޮމުގެ ހަމަލައެއް ދީފައެވެ. އެ ހާދިސާގައި ނަޝީދުގެ ފުރާނަފުޅަށް ބޮޑެތި ގެއްލުން ލިބިފައިވާއިރު، ބޮން ގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދު ވަނީ 23 އަހަރު ދުވަހަށް ޖަލަށް ލާފައެވެ.