ރާއްޖެއާއި އެފްރިކާގެ ގައުމެއް ކަމަށްވާ ބުރުންޑީ އާ ދެމެދު ސިޔާސީ ގުޅުން މިއަދު ރަސްމީކޮށް ގާއިމް ކޮށްފިއެވެ.

ރާއްޖެއާއި ބުރުންޑީ އާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމް ކުރުމަށް އެކުލަވާލި ޖޮއިންޓް ކޮމިއުނިކޭޝަންގައި ސޮއިކުރައްވާފައި ވަނީ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ޖޮއިންޓް ކޮމިއުނިކޭޝަންގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. އަދި ބުރުންޑީގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޒެފިރީން މަނިރަޓަންގާއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ގާއިމްކޮށް، ބޭރު ގައުމުތަކާ އެކު ގުޅުން ބަދަހި ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

ހަމަ އެއާއެކު، ރާއްޖެއާއި ބުރުންޑީ އާ ދެމެދު މިއަދު ސިޔާސީ ގުޅުން ގާއިމްކުރެވިގެން ދިއުމުން، ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަގު ފަހިވެގެންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، ރާއްޖޭން ވަނީ މިހާރު 179 ގައުމަކާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައެވެ.