ކޮވިޑް ފެތުރޭލެއް ބާރު ވެ، ހއ. ދިއްދޫ އިއްޔެ އިން ފެށިގެން މޮނިޓަރިން އަށް ލައިފިއެވެ.

އިއްޔެ އެރަށުން ޖުމްލަ 63 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އެރަށުން މިހާތަނަށް ޖުމްލަ 429 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި ރާއްޖޭގައި 15 ރަށެއް އެބައޮތެވެ. އޭގެ ތެރެއިން 13 ރަށެއް މިމަހު މޮނިޓަރިންނަށް ލާފައި ވާއިރު، ބާކީ ދެ ރަށް މޮނިޓަރިންނަށް ލާފައިވަނީ މިދިޔަ މަހުގައެވެ.

މިދިޔަ މަހު މޮނިޓަރިންނަށް ލާފައިވާ ރަށްތައް:

  • ކ. މާފުށި
  • ހއ. އިހަވަންދޫ

މިމަހު މޮނިޓަރިންނަށް ލާފައިވާ ރަށްތައް:

  • ހދ. ނެއްލައިދޫ
  • ލ. ފޮނަދޫ
  • ހދ. ނޮޅިވަރަމްފަރު
  • ށ. ފުނަދޫ
  • ބ. ދަރަވަންދޫ
  • ދ. ބަނޑިދޫ
  • ލ. ގަން
  • ގދ. ގައްދޫ
  • ރ. އުނގޫފާރު
  • ހދ. ހަނިމާދޫ
  • ކ. ގުރައިދޫ
  • ބ. އޭދަފުށި
  • ހދ. ދިއްދޫ

މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ މާފުށްޓެވެ. މިދިޔަ މަހުގެ 30 ގައި މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، މިއަދަށް 20 ދުވަސް ވާނެއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، އިއްޔެވެސް 2،199 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ރަށްރަށުން 531 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެކްޓިވް ކޭސްތައްވެސް ވަނީ 10،537 އަށް އަރައިފައެވެ.