ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގިފަހުން ފާއިތުވީ 5 މަހެއްހާ ދުވަހުގެ ތެރޭގައި 5 ލައްކައަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

މަސައްކަތްތެރިންނާ ބެހޭ އދގެ ޖަމިއްޔާ (އައިއެލްއޯ) އިން އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، ތޯލިބާނުން ކޮންޓްރޯލް ނެގި ފަހުން ބައި މިލިއަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައި ވާ އިރު، އެންމެ ބޮޑު ނޭދެވޭ އަސަރެއް ފޯރާފައި ވަނީ އަންހެނުންނަށް ކަން ފާހަގަ ކޮށްފައި ވެއެވެ.

އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުންގެ ދަށަށް ގެންދިޔަ ފަހުން 5 ލައްކައަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައި ވާ އިރު، މި އަހަރުގެ މެދަކާ ހިސާބަށް އަންނަ އިރު، މި އަދަދު 7 ލައްކައަށް އަރާނެ ކަމަށް އދއިން ލަފާ ކުރެއެވެ.

އދއިން ބުނާ ގޮތުގައި މިހާ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާ ގެއްލިފައި ވަނީ އެ ގައުމުގައި ދިގުލަމުންދާ ކާރިސާގެ އިތުރުން، މަސައްކަތުގެ މައިދާނުގައި އަންހެނުންނަށް ހުރި ފުރުސަތުތަކަށް ހުރަސް އަޅަމުން ދިއުމުގެ ސަބަބުންނެވެ.

2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި، އަންހެނުން ވަޒީފާ އަދާ ކުރި މިންވަރު، 16 ޕަސެންޓް ދަށްވެފައި ވާ ކަމަށް ހަބަރު ލިބެއެވެ. މި އަހަރުގެ މެދަކާ ހިސާބަށް އަންނައިރު، މި އަދަދު 21 ޕަސެންޓާ 28 ޕަސެންޓާ ދެމެދު މިންވަރަކަށްވެސް ވެއްޓޭނެ ކަމަށް ލަފާ ކުރެވެއެވެ.

މި ވަގުތުން ވަގުތަށް އަފްގާނިސްތާނަށް ބޭނުން ވަނީ އިންސާނީ އެހީ ކަމުގައި ވީ ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ނެގެހެއްޓުމަށްޓަކާ، ރީތި ގޮތުގައި ވަޒީފާ އަދާކޮށް، ދިރިއުމުގެ ކަންކަން ހަމަޖައްސާ، ޒަރޫރީ ހިދުމަތްތައް ލިބުން މުހިންމު ކަމަށް، އައިއެލްއޯގެ އަފްގާން ކޯޑިނޭޓާ، ރާމިން ބިހްޒާދު ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުގެ އަދުގެ ހާލަތު އޮތް ގޮތަށް ބަލާއިރު، ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމުގެ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. އުމުރުން 5 އަހަރާއި 17 އަހަރާ ދެމެދު އުމުރު ފުރާގެ ކުދިންގެ ތެރެއިން، ތައުލީމު ހާސިލު ކުރުމަށް ސްކޫލަށް ދަނީ އެންމެ 40 ޕަސެންޓް ކުދިންނެވެ. އައިއެއެލްއޯ އިން ބުނާ ގޮތުގައި، މަސައްކަތްތެރިންގެ ގޮތުގައި 770000 އަށް ވުރެ ގިނަ ފިރިހެން ކުދިންނާއި، 300000 އެއްހާ އަންހެން ކުދިން، އަފްގާނިސްތާނުގައި ހަރަކާތެރިވެއެވެ.